އިސްތަންބޫލު (އޮގަސްޓު 14): އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމާފައިވާ ކަމަށް އެގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި އެމެރިކާއިން އުފައްދާ އައިފޯންވެސް ތުރުކީން ދެން ނުގަންނާނެ އެވެ. އޭގެ ބަދަލުގައި އެގައުމުން ބޭނުންކުރަނީ ތުރުކީގެ ކުންފުނިތަކުން އުފައްދާ ސްމާޓްފޯނާއި ސެމްސަންގެވެ.

"އަޅުގަނޑުމެން އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރާނަން. އައިފޯނަކީ އެމީހުންގެ އެއްޗެއް ނަމަވެސް ސެމްސަންގަކީ އެހެން ބަޔެއްގެ އެއްޗެއް. އަޅުގަނޑުމެންގެ ގައުމުގައި ވެސްޓެލް އާއި ވީނަސް ހުރޭ،" އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީއާ އެމެރިކާއާ ދެމެދު މައްސަލަ ގޯސްވެފައި ވަނީ ތުރުކީން އެމެރިކާގެ ފާދިރީއަކު ހައްޔަރު ކުރުމުންނެވެ. އެމައްސަލައިގައި އެމެރިކާއިން ވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އެވެ. އަދި ތުރުކީން އެމެރިކާއަށް އެތެރެކުރާ ދަގަނޑުގެ ބާވަތްތަކުން ޓެރިފް ނަގާ މިންވަރު އިތުރުކޮށްފައި އެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ތުރުކީގެ ލީރާގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ވެއްޓިފައި އެވެ. އަދި މިއަހަރު ތެރޭ ލީރާގެ އަގު ވަނީ 45 ޕަސެންޓަށް ވެއްޓިފައި އެވެ.

ރައީސް އުރުދުޣާން ވިދަޅުވާ ގޮތުގައި ލީރާގެ އަގު ވެއްޓެނީ ބޭރުގެ ގައުމުތަކުން ތުރުކީއާ ދެކޮޅަށް ހިންގާ ކެމްޕޭނެއްގެ ސަބަބުންނެވެ.

(އަލްޖަޒީރާ)