ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގައި އެޅި ޑިޓެންޝަން ސެންޓަރު މަސައްކަތަށް ހެވީބިލްޑާސް ޕްރައިވެޓް ލިމިޓެޑުން ބިޑްކުރި މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރުވާފައިވާތީ އެ މަސައްކަތުގެ އުޖޫރައަށްވާ ފައިސާ ނުދީގެން އިމިގްރޭޝަން ގޮވައިގެން ކޯޓަށް ދާން އެ ކުންފުނިން ނިންމައިފި އެވެ.

ހެވީ ބިލްޑާސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އަފީފު މިއަދު ވިދާޅުވީ އެ މަސައްކަތަކީ 2010 ވަނަ އަހަރު އިމިގްރޭޝަނުން ކޮށްފައިވާ އިއުލާނަކަށް އެ ކުންފުނިން ބިޑްކޮށްގެން ކާމިޔާބުކޮށްފައިވާ ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ކުރުމަށް އެ ކުންފުނިން ބިޑްކޮށްފައި ވަނީ 5475.866 އަކަފޫޓުގެ ބިމެއްގައި ކަމަށް ވިޔަސް ފަހުން މަސައްކަތް ކުރުވާފައިވަނީ 7840 އަކަފޫޓުގެ ބިމެއްގައި ކަމަށް ވެސް އަފީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިތުރުކުރި ބައިގައި މަސައްކަތްކޮށްފައި ވަނީ އެ މަސައްކަތަށްވާ ފައިސާ ދޭނެ ކަމަށް އިމިގްރޭޝަނުން އެއްބަސްވެގެން ކަމަށެވެ.
" އެ މަސައްކަތަކީ އެސެންޓަރުގައި ފައުންޑޭޝަން އެޅުމަށްފަހު ތަނބުޖެހުމާއި މަތީގައި ޓޮޕްބީމް އެޅުމާއި ސިމެންޓި ޖެހުމާއި ކުލަލުމާއި ދަނގަޑު ގޭޓެއް ހެދުމުގެ މަސައްކަތް. އިތުރަށް 2364.134 އަކަފޫޓޫގަ ވަނީ މަސައްކަތް ކުރެވިފައި،" އަފީފު ވިދާޅުވި އެވެ.

އިމިގްރޭޝަނުން އެމަސައްކަތުގެ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 86667.720ރ. ވަނީ ހެވީބިލްޑާސް އަށް ދީފަ އެވެ. އަދި ދެ ވަނަ ޕޭމަންޓެއްގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 491170.80ރ. ދީފަ އެވެ. ނަމަވެސް ބިޑްކޮށްފައިވާ ރޭޓުން ބަލާއިރު އިތުރަށް މަސައްކަތް ކުރުވާފައިވާ 2364.134 އަކަފޫޓަށްވާ 248234.7ރ. އެ ކުންފުންޏަށް އިމިގްރޭޝަނުން ނުދޭ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމީ އެ ފައިސާ ހޯދަން މިހާތަނަށް ކުރި މަސައްކަތުން އެފައިސާ ނުލިބުމުން ކަމަށެވެ. ނަމަވެސް މައްސަލަ ކޯޓަށް ހުށަހަޅާނީ އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދާ ބައްދަލުކުރުމަށްފަހު ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޝާހިދު މިއަދު ވިދާޅުވީ ހެވީ ބިލްޑާސްއާއެކު އިމިގްރޭޝަނުން ވެފައިވާ އެއްބަސްވުމުގައި އޮތް އަދަދަށް އެ ކުންފުންޏަށް އފައިސާ ދީފައިވާ ކަމަށެވެ. ހެވީބިލްޑާސް ލައްވާ އިތުރަށް މަސައްކަތް ކުރުވާފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް ކޮންޓްރޯލާ ވިދާޅުވި އެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ހެވީބިލްޑާސްއާ ހަވާލުކޮށްގެން ކުރުވާފައި ވަނީ އެ ކުންފުނިން ބިޑްކުރި އަދަދަށްވުރެ ބޮޑު ސަރަހައްދެއްގައިކަން އެ މަސައްކަތް ނިންމުމަށް އެއްބަސްވި މުއްދަތަށްވުރެ އަވަހަށް އެމަސައްކަތް ނިންމުމާ ގުޅިގެން އެކަން ފާހަގަކޮށް އިމިގްރޭޝަނުން އެ ކުންފުންޏަށް 22 މާޗްގައި 2011 ގައި ފޮނުވާފައިވާ ސިޓީގައިވެ އެވެ.

ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ހެވީ ބިލްޑާސްއާ ހަވާލުކޮށްފައި ވަނީ ކޮންޓްރޯލާގެ މަގާމުގައި އިލްޔާސް ހުސެން އިބުރާހިމް ހުންނެވި ދުވަސްވަރު އެވެ.