އަހުމަދިއްޔާ ގިނަ އަދެއްގެ އަންހެން ދަރިވަރުން އަނބުރައިގަނެ، ހޮސްޕިޓަލުގައި އަވަސް ފަރުވާން ދޭންޖެހުނީ އަހުމަދިއްޔާގެ ތެރޭގައި އެއްވެސް ހާދިސާއެއް ހިނގައި ލެބޯޓަރީން ކެމިކަލެއް ލީކުވެގެން ނޫން ކަމަށް އަހުމަދިއްޔާ އިން ބުނެފި އެވެ.

ކިޔެވުމާއި ކިޔަވައި ދިނުމުގައި ރަން ވަނަތައް ތަކުރާރުކުރަމުން އަންނަ އަހުމަދިއްޔާއިން މިހެން ބުނީ ނޫސް ބަޔާނެއް މެދުވެރިކޮށެވެ. މިއަދު ނެރުނު އެ ބަޔާނުގައި ބުނަނީ އިއްޔެގެ ހާދިސާއަކީ އެއްވެސް ކަހަލަ މައްސަލައެއް، ހާދިސާއެއް، އެ މަދަރުސާގައި ހިނގައިގެން ދިމާވި ކަމެއް ނޫން ކަމަށެވެ.
"... މި މަދަރުސާގެ އެއްވެސް ލެބޯޓަރީއެއްގައި އެއްވެސް ކަހަލަ ކެމިކަލެއް ލީކުވެފައެއް ނުވެއެވެ. އަދި އިމާރާތްތަކުގެ އެއްވެސް ފަންގިލާއެއްގައި އަލިފާނުގެ ކުޑަވެސް ހާދިސާއެއް ހިނގާފައެއް ނުވެއެވެ،" ބަޔާނުގައި ވެއެވެ.

އަހުމަދިއްޔާއިން ބުނީ އިއްޔެގެ ހާދިސާއަކީ އެ މަދަރުސާގެ ގުރޭޑް އަށެއްގައި ކިޔަވާ އަންހެން ދަރިވަރަކު އަނބުރައިގަތުމާ ގުޅިގެން އެ ދަރިވަރަށް ފަރުވާ ދެމުންދަނިކޮށް އެ މަންޒަރު ފެނުނު ބައެއް ދަރިވަރުންނަށް އަސަރުކޮށްގެން ދިމާވި ހާދިސާއެކެވެ. އަދި ބުނެފައި ވަނީ އޭގެ ތެރެއިން ތިން ކުއްޖަކު އެމްބިއުލާންސްގައި އައިޖީއެމްއެޗަށް ގެންދަން ފޮނުވާލި މަންޒަރު ބައެއް ދަރިވަރުންނަށް ފެނި ސައިރަންގެ އަޑު އިވިގެން އިތުރު ބައެއް އަންހެން ދަރިވަރުންނަށް އަސަރުކޮށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން ޖެހުނީ ކަމަށެވެ.

އެ ހުރިހާ ކުދިންނަށް ފަރުވާ ދިނުމަށް ފަހު ރޭ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އަހުމަދިއްޔާއިން ބުންޏެވެ. އެއީ ކިތައް ކުދިން ކަމެއް އަހުމަދިއްޔާގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ނަމަވެސް އެ މަދަރުސާގެ 24 އަންހެން ދަރިވަރަކަށް އިއްޔެ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނު ކަމަށް ވެއެވެ. އިއްޔެ ހާދިސާ ހިނގީ ހަވީރު 4:30ގަ އެވެ.

އަހުމަދިއްޔާއިން ބުނީ އިއްޔެ ހިނގި ހާދިސާއަކީ މަދަރުސާތަކުގައި ހާއްސަކޮށް އަންހެން ދަރިވަރުންނަށް ދިމާވާ މައްސަލައެއް ކަމަށާއި ބައެއް ފަހަރު ސްކޫލް އެސެމްބްލީގައި ވެސް ދަރިވަރަކަށް އެފަދަ ކަމެއް ދިމާވުމުން އެހެން ދަރިވަރުންނަށް އަސަރު ކުރާ ކަމަށެވެ. ކްލާސް ރޫމްގައި ވެސް އެގޮތަށް މެދުވެރިވާ ކަމަށް ބުންޏެވެ.

އިއްޔެ ހާދިސާއާ ގުޅިގެން ހަބަރު ފަތުރާ ވަސީލަތްތަކުން ހަބަރުތައް ގެނެސްދީފައިވާ ގޮތުގެ މައްޗަށް ވެސް ބަޔާނުގައި އިޝާރާތްކޮށްފައި ވެއެވެ. ބުނަނީ މީޑިއާގައި ހަބަރުތައް ފެތުރި ގޮތުން ބެލެނިވެރިންނަށް ބޮޑެތި އޮޅުން އެރި ކަމަށާއި ހާދިސާ ހިނގުމާއެކު މީޑިއާގެ ފަރާތްތައް މަދަރުސާގެ ހުއްދައާ ނުލައި ކެމެރާތަކާއެކު މަދަރުސާގެ ތެރެއަށް ވަދެ ވީޑިއޯއާއި ފޮޓޯ ނަގާފައިވާތީ ހިތާމަ ކުރާ ކަމަށެވެ.