ދުބާއީއަކީ އުމްރާނީ ތަރައްގީގެ ބިޔަ ޕްރޮޖެކްޓްތަކާއެކު ދުނިޔޭގެ ސަމާލުކަން ހޯދަމުން އަންނަ ޔޫއޭއީގެ އެންމެ މަޝްހޫރު ސިޓީއެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާ ހުރީ ދުބާއީގައެވެ. އެންމެންގެ ލޯބި ހޯދާފައިވާ ބުރުޖް އަލް އަރަބްވެސް ހުރީ އެތަނުގައެވެ. އެތައް ބައެއްގެ ސަމާލުކަން ހޯދައި، ކަނޑު ހިއްކައިގެން ހަދާފައިވާ ބިޔަ ޕާމް އައިލެންޑަކީ ދުބާއީގެ އެންމެ ހިތްގައިމު އެއް ސަރަހައްދެވެ.

އެ ހުރިހާ ކަމެއްގެ އިތުރުން ދުބައީ މޯލަކީ ދުނިޔޭގެ އެންމެ ބޮޑު ޝޮޕިން މޯލެވެ.

މި ފަހަރު އަނެއްކާ ވެސް މިއޮތީ ޝޮޕިން މޯލެއްގެ ވާހަކައެވެ؛ ދުބާއީ މޯލަށް ވުރެ ދެގުނަ ބޮޑު، ދުބާއީ ސްކޮއާއެވެ.

ދުބާއީން އިއްޔެ އިއުލާނުކުރި ޕްރޮޖެކްޓުގެ ދަށުން، ދުބާއީ ސްކޮއާ އިމާރާތްކުރާނީ ދުބާއީ ކްރީކް ހާބާ ޕްރޮޖެކްޓުގެ ތެރެއިންނެވެ. އަށް މިލިޔަން އަކަފޫޓުގެ ރީޓެއިލް ސްޕޭސްއާއެކު ތަރައްގީކުރާ ދުބާއީ ސްކެއާގެ އަގު ދެ ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް، އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އިމާރް ޕްރޮޕަޓީސްއިން ބުނެއެވެ.

ދުބާއީ ސްކެއާގެ ކުރެހުމެއް: އެތަނުން ގިނަ ޚިދުމަތްތައް ލިބޭނެ.

އިމާރް ޕްރޮޕަޓީސްއިން ބުނީ، އެ މޯލަކީ ޓެކްނޮލޮޖީއާ ރައްޓެހި އަދި ޒުވާނުންނަށް އާމާޒުކޮށްގެން ތަރައްގީކުރާ ތަނެއް ކަމަށެވެ. އަދި އެތަން ނިމޭއިރު، ސިނަމާއަކާއި، ވޯޓާ ޕާކެއްގެ އިތުރުން ސްޕޯޓްސް އެރީނާއެއް ހުންނާނެ ކަމަށް އިމާރް ޕްރޮޕަޓީސްއިން ބުނެއެވެ.

އޭގެ އިތުރުން އެތަނުގައި 3ޑީ ޕްރޮޖެކްޝަން މެޕިންއާއެކު، ބޮޑެތި ޝޯތަކާއި ކޮންސެޓުތައ،ް ދުބާއީ ސްކޮއާގައި ބޭއްވޭނެ ކަމަށް ވެސް އިމާރް ޕްރޮޕަޓީސްއިން ބުނެއެވެ.

ދުބާއީ ކްރީކް ހާބާ ޕްރޮޖެކްޓަކީ، އިމާރް ޕްރޮޕަޓީސްއާއި ދުބާއީ ހޯލްޑިންގްސްއިން ޖޮއިންޓް ވެންޗާ އުސޫލުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.