އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ ފަސް މުވައްޒަފަކު ނޯޓިސްއަކާނުލައި ވަޒީފާ އިން ވަކިކޮށްފި އެވެ.

ގަން އެއާޕޯޓް ކޮމްޕެނީގެ އެޑްމިން އޮފިސާ އައިޝަތު ވަހީދާ މިއަދު ވިދާޅުވީ އޭނާ އާއި އިތުރު ހަތަރު މުވައްޒަފަކު މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާ އިން ވަކިކޮށްފައި ވަނީ އިންޒާރެއް އަދި ނޯޓިސްއަކާނުލައި ކަމަށެވެ.

"އެއާޕޯޓް ކޮމްޕެނީގެ ވަޒީފާ އިން ވަކިކުރިކަމުގެ ލިޔުން ހަވާލްކޮށްފައި ވަނީ މިހާތަނަށް އެއްވެސް އިންޒާރެއް ދިނުމަށް ފަހު ނޫން،" އެ އަތޮޅު ފޭދުއަށް ނިސްބަތްވާ އައިޝަތު ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވީ އެނާ އާއި އަނެއް ހަތަރު މީހުން ވެސް ވަޒީފާ އިން ވަކިކޮށްފައި ވަނީ ރިޑެންޑެންސީ ފައިސާ ވެސް ނުދީ ކަމަށެވެ.

އައިޝަތު ވިދާޅުވީ ދެން ވަކި ކުރި އަނެއް މީހުންނަކީ ވެސް އެޑްމިން މުވައްޒަފުންނާއި މަސައްކަތު މީހުން ކަމަށެވެ.
ގަން އެއާޕޯޓް ކޮމްޕެނީގެ ޗެއާމަން މުހައްމަދު ނަސީރު މިއަދު ވިދާޅުވީ މުވައްޒަފުންތަކެއް އެ ކޮމްޕެނީން ވަކިކުރަން މާކުރިން ވެސް ހަމަޖައްސާފައިވާ ކަމަށާއި ނަމަވެސް މިވަގުތު އޭނާ ޗުއްޓީގައި ހުންނެވުމުން އިތުރަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.