14 Aug 2018, 10:27
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައި ވަނީ މ. މުއްޔަށް ކަމަށެވެ. އެ ރަށަށް 65 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން ބުނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުން ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ އެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގު ދެކުނާއި ދެކުނުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނެއްގަ އެވެ. ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މެޓުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.
ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.