14 Aug 2018, 09:10
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ސްޕެއިންގެ ގައުމީ ޓީމުން ރިޓަޔާ ކޮށްފިއެވެ.
32 އަހަރުގެ ސިލްވާ ރިޓަޔާ ކުރިކަން އިއުލާނުކޮށް ބުނީ، އޭނާގެ ނިންމުން ވެގެން ދިޔައީ ކެރިއަރުގެ އެންމެ އުނދަގޫ ނިންމުމަށް ކަމަށެވެ. އޭނާ ބުނީ ރިޓަޔާކުރަން ނިންމީ އެތައް ހަފްތާއެއް ވަންދެން އެކަމާ ފުންކޮށް ވިސްނުމަށްފަހު ކަމަށެވެ.
"އެތައް ދުވަހެއް އެތައް ހަފްތާއެއް ދިޔަ އެކަމާ (ރިޓަޔާ ކުރުމާ) މެދު ވިސްނަން. ގައުމީ ޓީމުގެ ސަބަބުން އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި އަދި ވަކި ފަރުދެއްގެ ގޮތުގައި ކުރިއަރައިގެން ދިޔަ،" އޭނާ ބުންޏެވެ.
ސްޕެއިންގެ ގައުމީ ޓީމާއެކު 2010 ވަނަ އަހަރު ވޯލްޑް ކަޕްވެސް ކާމިޔާބު ކުރި ސިލްވާ ބުނީ އޭނާ ގައުމީ ޓީމާއެކު ހޯދި ކާމިޔާބީތަކަށް ފަހުރުވެރިވާ ކަމަށެވެ.
ސިލްވާ އެންމެ ފަހުން ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު މެޗަކީ މި އަހަރުގެ ވޯލްޑް ކަޕް ރައުންޑް އޮފް 16 ގައި ރަޝިއާ ކުޅެ ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިވި މެޗެވެ.
2006 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފެށި ފަހުން ސިލްވާ ވަނީ 125 ފަހަރު އެ ޓީމަށް ކުޅެފައެވެ. އަދި ގައުމީ ޓީމާއެކު ވޯލްޑް ކަޕްގެ އިތުރުން 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯވެސް އޭނާ ކާމިޔާބު ކުރިއެވެ.
ސިލްވާ ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާނުކޮށްފައިވާއިރު ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއާއި އެ ކްލަބުގެ ލެޖެންޑް އަންދްރޭސް އިނިއެސްޓާ ވެސް ދާދި ފަހުން ވަނީ ސްޕެއިންގެ ގައުމީ ޓީމުން ރިޓަޔާ ކޮށްފައެވެ.