އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ޗައިނާގެ ޒީޓީއީ އާއި ވާވޭގެ އުފެއްދުންތައް ބޭނުންކުރުން މަނާކުރާ ބިލު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފި އެވެ.

ގާތްގަނޑަކަށް 716 ބިލިއަން ޑޮލަރުގެ ޑިފެންސް ޕޮލިސީ ގާނޫނުގައިވާ ގޮތުން ވާވޭ އާއި ޒީޓީއީގެ އުފެއްދުންތައް ބޭނުންކުރުން ސަރުކާރުގެ އޮފިޝަލުންނަށާއި ކޮންޓްރެކްޓަރުންނަށް މަނާވާނެ އެވެ.

އެ ބިލުގައި މިފަދައިން ބަޔާންކޮށްފައި ވަނީ ޗައިނާގެ އެންމެ ބޮޑު ދެ މުވާސަލާތީ ކުންފުނީގެ އުފެއްދުންތަަކަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީގެ ބޭފުޅުންނާއި އެފްބީއައި އަދި ޓްރަމްޕް ވެސް ވިދާޅުވެފައި ވަނިކޮށެވެ.

ނަމަވެސް ޑޭޓާ ފަދަ ތަކެތި ބެލުމަށް ނޫން އެހެން ބޭނުންތަކަށް މި ދެކުންފުނީގެ އުފެއްދުންތައް ބޭނުން ކުރެވިދާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން ވާވޭ އިން ވަނީ ފާޑުކިޔައިފަ އެވެ. މިއީ ކަސްޓަމަރުންނަށް ޖެއްސި ބުރައެއް ކަމަށާއި އެމެރިކާގެ ނިންމުމަކީ ދެކޮޅުނު ޖެހޭ ނިންމުމެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ނިންމުމާ އެކު އެމެރިކާގެެ ސަރުކާރާ އެކު މަސައްކަތް ކުރާ ކުންފުނިތަކަށް، ވާވޭ އާއި ޒީޓީއީގެ ޓެކްނޮލަޖީތައް ދޫކޮށްލަން މަޖުބޫރުވާނެ އެވެ.

މީގެ ކުރިން ސެނެޓުން ވަނީ ވާވޭ އާއި ޒީޓީއީގެ އުފެއްދުންތައް އެމެރިކާގެ ސަރުކާރު މުވައްޒަފުންނަށް މަނާކުރަން މަސައްކަތްކޮށްފަ އެވެ.