އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުންދާ ޓޯގޯ ފޯވާޑް އެމަނުއެލް އަޑެބަޔޯ މި ސީޒަނުގައި ވެސް ރެއާލް މެޑްރިޑުގައި ބަހައްޓަން މޮރީނިއޯ ބޭނުންވި ކަމަށް އަޑެބަޔޯ ބުނެފިއެވެ. މި ސީޒަނުގައި އެނބުރި ރެއާލް މެޑްރިޑަށް ނުދެވުނަސް ޓޮޓެންހަމް އަށް ބަދަލުވެވުނީތީ އުފާކުރާކަމަށް ވެސް އަޑެބަޔޯ ބުންޏެވެ.

މެންޗެސްޓާ ސިޓީ ގެ ކުޅުންތެރިޔާ އަޑެބަޔޯއަށް ޓީމުން ޖާގަ ނުލިބުމުގެ ސަބަބުން، އޭނާ ވަނީ ލޯނުގެ ދަށުން މިހާތަނަށް ދެ ކުލަބަށް ކުޅެފައެވެ. މިދިޔަ ސީޒަނުގައި ލޯނުގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު މިސީޒަނުގައި ފެންނަނީ އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާއިން ނެވެ.

މިހާތަނަށް ޓޮޓެންހަމްއަށް އަޑެބަޔޯ ކުޅުނު މެޗުތަކަށް ބަލާއިރު އޭނާއަކީ ފައިދާހުރި ކުޅުންތެރިއެއް ކަން ފާހަގަ ވެއެވެ. އޭނާ ވަނީ ޓޮޓެންހަމްއަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖަހައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ.

މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުގައި އަޑެބަޔޯ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މިސީޒަނުގައި އެޓީމަށް ދާއިމީ ކުރަން މޮރީނިއޯ މަސައްކަތްކޮށް ހުރަސްތަކާ ކުރިމަތިވީ ކަމަށް ވެސް އަޑެބަޔޯ ވަނީ ބުނެފަ އެވެ.

"އަހަރެން މޮރީނިއޯ ވަރަށް ރަނގަޅަށް ދަންނަން. ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ ބޮޑެތި ކުލަބު ތަކުގެ ތެރޭގައި ހިމެނޭ ކުލަބެއް. އަހަރެން ގެންދަން މޮރީނިއޯ ބޭނުންވި. ނަމަވެސް އެންމެ މީހެއް ނޫން އެ ނިންމުން ނިންމަން ހުރީ. މޮރީނިއޯ އެކަނި އެނިންމުން ނިންމަން ހުރިނަމަ މިހާރު އަހަރެން ހުންނާނީ ރެއާލް މެޑްރިޑުގައި. މިދިޔަ ސީޒަނަށް ފަހު ލިބުނު ބަންދު ތެރޭގައި މޮރީނިއޯއާއެކު ވާހަކަ ދެކެވުނު." އަޑެބަޔޯ ބުންޏެވެ. ޓޮޓެންހަމް އަށް ބަދަލުވުމުން މޮރީނިއޯ އުފާކުރާކަމަށް ވެސް އަޑެބަޔޯ ބުންޏެވެ.

"އަހަރެންގެ ކެރިޔަރަށް ވިސްނާ ރަނގަޅު ފުރުސަތު ތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މޮރީނިއޯ ބުނި. އަދި ޓޮޓެންހަމްގައި ހުރެ ގޯލު ޖަހާ ފުޓުބޯޅަ ދަނޑުގައި މޮޅު ކުޅުންތެރިއެއްކަން ދެއްކުމަށް މޮރީނިއޯ އަހަރެންނަށް އިރުޝާދުދިން. އަހަރެން ޓޮޓެންހަމް އާއި ގުޅުމުން ވެސް އޭނާ ހުރީ އުފަލުގައި." އަޑެބަޔޯ ބުންޏެވެ.
"މޮރީނިއޯ އަކީ ރަނގަޅު ކޯޗެއްކަމުން އަހަރެން އޭނާއަށް އަބަދުވެސް އިޚްތިރާމް ކުރާނަން. ރެއާލް މެޑްރިޑުގައިހުރެ މޮރީނިއޯ އަށް ކާމިޔާބީ ލިބުމަށް އަހަރެން އެދެން. އަދި ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދުކުރަން."

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައި އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ފާޑުކިއުމާއި ނަފްރރަތުގެ ބަސްތައް ރައްދު ވިއެވެ. އޭރު އަޑެބަޔޯ އަކީ ރެއާލް މެޑްރިޑަށް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އެއާ އިދިކޮޅަށް މިހާރު އަޑެބަޔޯ ކުޅެނީ ޓޮޓެންހަމް އަށެވެ. މިހާރު ސަޕޯޓަރުންގެ ބަސްތައް ވެސް ތަފާތެވެ. މިހާރު ސަޕޯޓަރުން އަޑެބަޔޯ އަށް ތަޢުރީފު ކުރެއެވެ.