ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ނޭހާ ދުފިއާއާއި އޭނާގެ ފިރިމީހާ އަންގަދު ބޭޑީގެ ޗުއްޓީ ރާއްޖޭގައި ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ހިންގައްޖެއެވެ.

އެ ދެމަފިރިންގެ ޗުއްޓީ ހޭދަ ކޮށްފައިވަނީ ށ. އަތޮޅުގައި އޮންނަ ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓުގައެވެ. ނޭހާއާއި އަންގަދުގެ ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ރާއްޖޭގައި ހައެއްކަ ދުވަހު ޗުއްޓީ ހޭދަކުރުމަށްފަހު ނޭހާއާއި އަންގަދު އެނބުރި ގައުމަށް ގޮސްފައިވަނީ އިއްޔެކަން ނޭހާގެ އިންސްޓަގްރާމް ފޮޓޯތަކުން އެނގެއެވެ.

ނޭހާ އަދި އަންގަދުވެސް ވަނީ އެ މީހުންގެ ޗުއްޓީގެ ބައެއް ފޮޓޯތައް އިންސްޓާގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

މި އަހަރު ރިލީޒްކުރި ނެޓްފްލިކްސް އެންތޮލޮޖީ ސީރީޒް “ލަސްޓް ސްޓޯރީޒް”އެންމެ ފަހުން ނޭހާ ފެނިގެން ގޮސްފައިވާއިރު ނޭހާ އިނީ އަންގަދުގެ ދަރިޔަކަށް ބަލިވެކަމަށް ވެސް ވަނީ އަޑުތަކެއް ފެތުރިފައެވެ. އުމުރުން 37 އަހަރުގެ ނޭހާ އާއި 35 އަހަރުގެ އަންގަދު ކައިވެނި ކޮށްފައިވަނީ މިދިޔަ މެއި މަހުގެ ދިހައެއްގައެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ކާޖޮލްގެ "ހެލިކޮޕްޓަރ އީލާ" އިންވެސް ނޭހާ ފެނިދާނެ ކަމުގެ އަޑެއް މިވަނީ އަރާފައެވެ.