އުފަންވާއިރު ހިތުގައި ލޯވަޅެއް އިނދެގެން އޮޕަރޭޝަންކުރަން ދެން ބޭރަށްދާން ނުޖެހޭނެކަމަށާއި އަދި އެ އޮޕަރޭޝަންތައް އޭޑީކޭ ހޮސްޕިޓަލުން ކުރެވޭނެ ކަަމަށް އެ ހޮސްޕިޓަލުން ބުނެފިއެެވެ.

އޭޑީކޭ ހޮސްޕިޓަލުން މިދިޔަ ހޮނިހިރު ދުވަހު ކުރި އޯޕަން ހާޓް ސާޖަރީއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މީގެ ކުރިން ކެތު ލެބް ސާޖަރީއެއް ނުވަތަ ހިތުގެ ސާޖަރީއެއް ހަދަން ޖެހުނަސް ދާން ޖެހެނީ ރާއްޖެއިން ބޭރަށް ކަމަށެވެ.

''މިހާރު އިރާދަކުރެއްވިއްޔާ 99 ޕަސެންޓް ހާލަތުގައި އަޅުގަނޑުމެންނަށް ބޭރަށް ރިފާ ކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް އެކަންތައްތައް ކުރެވޭނެ. އެއީ އަސްލުގައި އަޅުގަނޑުމެން ހައިޓެކް އުފައްދައިގެން ކުރަން ފެށި ސަބަބަކީވެސް،" އައްފާލް ވިދާޅުވިއެވެ.

އުފަންވުމުގައި ހިތުގެ ބަލިތައް ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ޖަމިއްޔާ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ހިތުގެ އެކި ބަލިތައް ހުންނަ 517 ކުދިން ރަޖިސްޓްރީވެފައި ވެއެވެ. އޭގެ ތެރެއިން 90 ޕަސަންޓު ކުދިންނަކީ 10 އަހަރުން ދަށުގެ ކުދިންނެވެ. އެ ޖަމިއްޔާއިން ފަންޑްރެއިޒިންގެ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްގެން ބައެއް ކުދިން ވަނީ ހިތުގެ އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވައިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޯޕަސް ހާޓް ސާޖަރީ ހެދުމުގައި އިސްކޮށްް އުޅުއްވި ޑރ. މުހައްމަދު ޝާފިއު ވިދާޅުވީ އޭޑީކޭއަށް ގެނައި ހައިޓެކް ބަދަލާއެކު ގާއިމްކުރި ވަސީލަތްތަކާއެކު ގާންގަނޑަކަށް ހުރިހާ ވައްތަރެއްގެ ސާޖަރީތަކެއް މިހާރު ކުރެވޭނެ ކަމަށެވެ.

" 80-95 ޕަސެންޓް ސާޖަރީ މިއަހަރު ނިމެންވާއިރަށް ހެދޭނެ. ހަމައެކަނި ނެހެދޭ 10 ޕަސެންޓާ ސާޖަރީއަކީ ކޮބައިތޯ. ނެހެދޭ 10 ޕަސެންޓަކީ ހާޓް ފޭލިއާ ސާޖަރީ. ހާޓް ފެއިލިއާގެ ސާޖަރީގެ މާނައަކީ އެއަށް ޖެހޭނީ ހާޓް ޓްރާންސްޕްލާންޓްް ހަދަން. އެ ދިމާލަށް އަޅުގަނޑުމެން މިހާރު މިހުރީ މިސްރާބް ޖަހައިފައި." ޝާފިއު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޑިއެކް ބައިޕާސް ސާޖަރީއެއް މިދިޔަ ބުދަ ދުވަހު އޭޑީކޭ ހޮސްޕިޓަލުން، ކުރިތާ ތިން ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޕަން ހާޓް ސާޖަރީއެއްވެސް އެ ހޮސްޕިޓަލުގައި ވަނީ ކޮށްފައެވެ.

ފުރަތަމަ ކުރި ކާޑިއެކް ބައިޕާސް ސާޖަރީކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީއެއްގެ އެވެ. އަދި އޯޕަން ހާޓް ސާޖަރީ ހަދައިފައިވަނީ އުމުރުން 25 އަހަރުގެ އަންހެނެއްގެއެވެ.