ސްޕެނިޝް ލަލީގާގައި 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ރެއާލް މެޑްރިޑް ބަލިކޮށް 1-0 ލަނޑުން ލަވެންޓޭ މެޗު ކާމިޔާބުކޮށް، ލެވެންޓޭއަކީ ބަލިޓީމެއް ނޫން ކަން އެހެން ކުލަބުތަކަށް ދައްކައިދީފި އެވެ.

މެޗުގެ 40 ވަނަ މިނެޓުގައި ޖަރުމަނު މިޑްފީލްޑަރު ސާމީ ކެދީރާ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން މެޗުގެ ބޮޑު ބައެއް ރެއާލް މެޑްރިޑް ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. ލަވެންޓޭ އަތުން ރެއާލް ބަލިވުމުން އެއްވަނައަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ރެއާލް މެޑްރިޑުގެ މައްޗަށް ކުރި ހޯދުމަށް ފަހު ލަވެންޓޭ އިން ބެލީ ވީހާވެސް ކުޅުން ލަސްކޮށް ކުޅެވޭތޯ އެވެ. އެގޮތުން އެޓީމުގެ ރޭވުން ވަނީ ކާމިޔާބުވެފައެވެ. މެޗުގެ ހަމައެކަނި ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ ސެވިއްޔާ އިން ލޯނުގެ ދަށުން ލަވެންޓޭއާ ގުޅުނު ފޯވާޑް އަރޫނާ ކޯން އެވެ. އަނިޔާގައި ހުރުމަށް ކުޅެން އެރުވި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެވަނަ ހާފަށް ނެރުނު ނަމަވެސް ގޯލެއް ޖެހިފައެއް ނުވެއެވެ.

ޕޯޓޯ އިން އެތްލެޓިކޯ މެޑްރިޑަށް އަލަށް ބަދަލުވި ކޮލަމްބިއާ ފޯވާޑް ރަޑެމެލް ފަލްކާއޯ ގާސިއާ ގެ ހެޓްރިކާއެކު ރޭސިންގް އާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. ފުރަތަމަ ހާފުގައި ފަލްކާއޯ ދެލަނޑު ކާމިޔާބުކުރިއިރު ފަހު ލަނޑު ކާމިޔާބުކުރީ ފަހު ހާފުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފަލްކާއޯ 23 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި ފަލްކާއޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗުގެ 78 ވަނަ މިނެޓުގައި އެޑްރިއާން ވަނީ އެތުލެޓިކޯ މެޑްރިޑަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ނަތީ 4-0 ލަނޑަށް ބަދަލުކޮށްފައެވެ.

ފަހު މިނެޓުގައި ޖެހި ލަނޑުން އެސްޕާނިއޯލް ގެ މައްޗަށް ރެއާލް ޒަރަގޯޒާ އަށް ވެސް ވަނީ ކާމިޔާބީ ލިބިފައެވެ. އެސްޕާނިއޯލަށް ކާމިޔާބުކުރި ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ލުއިސް ގާސިއާ އެވެ. މިމެޗުގައި އެސްޕާނިއޯލުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޖާވީ ލޯޕޭޒް އެވެ. އޭނާ ވަނީ މިމެޗުގެ 85 ވަނަ މިނެޓުގައި ރަތް ކާޑެއްވެސް ހޯދާފައެވެ. މިމެޗު ރެއާލް ޒަރަގޯޒާ ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

އެތްލެޓިކް ބިލްބާއޯ ވަނީ ރެއާލް ބެޓިސް އަތުން ރޭ ބަލިވެފައެވެ. މިމެޗުގައި ދެޓީމަށް ވެސް ރަތްކާޑަކާއި ޕެނަލްޓީއެއް ލިބިފައި ވެއެވެ. ރެއާލް ބެޓިސްއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ބެނަޓް، ޕެރޭޒް ނަޗޯ އަދި ސަލްވާޑޯ ލޯޕޭޒް ސެވިއްޔާ އެވެ. އެތުލެޓީކް ބިލްބާއީ އިން ޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އޮސްކާ ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ޑޭވިޑް ލޯޕޭޒް އެވެ. މިމެޗު ނިމިގެންދިޔައީ 3-2 ލަނޑުން ރެއާލް ބެޓިސް މޮޅުވެގެންނެވެ.

ގެޓަފޭ ގެ އަމިއްލަ ދަނޑުގައި ރޮޔާ ވެލެކާނޯ އަތުން ވަނީ ބަލިވެފައެވެ. މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކުރީ މިގެލް ޕެރޭޒް ކުއެސްޓާ އެވެ. މެޗު ނިމިގެންދިޔައީ 1-0 ލަނޑުން ރޮޔާ މޮޅުވެގެންނެވެ.

ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނާގައި ނުވަ ޕޮއިންޓާ އެކު އުޅެނީ ވެލެންސިއާ އެވެ. ދެވަނާގައި ވަނީ ވެލެންސިއާ އާއި ޕޮއިންޓުގެ އެއްވަރުކޮށްފައިވާ ރެއާލް ބެޓިސް އެވެ. ވެލެންސިއާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައިވާ ބާސެލޯނާއި ހަތަރުވަނާގައިވާ ސެވިއްޔާ އަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނާގައި އޮތް ރެއާލް މެޑްރިޑާއި ހަވަނާގައި އޮތް މަލާގާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.