ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް، މާދަމާ ޓެސްޓް ފްލައިޓް ޖައްސަން ހަމަޖެހިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "ސަން" އަށް ވިދާޅުވީ، ޓެސްޓް ފްލައިޓް ޖައްސާނީ މާދަމާ 14:15 ހާއިރު ކަމަށެވެ. އަދި ޓެސްޓް ފްލައިޓުގެ ގޮތުގައި ޖައްސާނީ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަން ޑޭޝް 8 ޖައްސާނީ. ދެން ފަހުން ބޮޑެތި ފްލައިޓްތައް ޖައްސަން ފަށާނެ،" ސާމީ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާފީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ.

އެ އެއާޕޯޓުގެ ތަރައްގީ ކޮށްފައިވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާއި އެކުގަ އެވެ. އެއީ މިހާދު އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓުތައް ކަމަށްވާ، އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.

މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އަދި އެތަން ތަރައްގީ ކޮށްފައިވަނީ ސިޓީ ހޮޓަލަކާ އެކުގަ އެވެ.