13 Aug 2018, 18:26
އޭޑީކޭ ހޮސްޕިޓަލުން އަލަށް ފެށި ކާޑިއެކް ބައިޕާސް ސާޖަރީގެ އަގަކީ 90،750 ރުފިޔާ ކަމަށާއި އަދި އޯޕަން ހާޓް ސާޖަރީގެ އަގަކީ 77،550 ރުފިޔާ ކަމުގައި ކަނޑައަޅައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ކުރި އޯޕަން ހާޓް ސާޖަރީއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ ދެ ވައްތަރުގެ ހާޓް ސާޖަރީއިންވެސް 65 ޕަސެންޓާ ހަމައަށް އާސަންދައިން ކަވަރުކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކަނޑައެޅި ޕެކޭޖްގެ އަގުތަކުގެ ދަށުން، ކަވަރު ކުރާނެ ޕޭޝަންޓް އެޑްމިޓްވާ ހިސާބުން ފެށިގެން ދޫކޮށްލަންދެން. އޭގައި ހިމެނޭނެ ހޮސްޕިޓަލުގައި ހުންނަ ރޫމްގެ ކުލިވެސް،" އައްފާލް ވިދާޅުވިއެވެ.
އައްފާލް ވިދާޅުވީ އެ ދެ ސާޖަރީއަށް އަގު ކަނޑައެޅުމުގައި މި ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ އަގުތަކަށް ބެލި ކަމަށެވެ.
"ވަރަށް ކޮމްޕެޓިޓިވް އަގުތަކެއް މިއީ. ދެން ރާއްޖެއިން ބޭރަށް ގޮސްގެން މި ސާޖަރީ ހަދައިފިނަމަ ހުރުމާ އެހެނިހެން ކަންތައްތަަކަށް ދާ ހަރަދު މާބޮޑު ވާނެ،" އައްފާލް ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޑިއެކް ބައިޕާސް ސާޖަރީއެއް މިދިޔަ ބުދަ ދުވަހު އޭޑީކޭ ހޮސްޕިޓަލުން، ކުރިތާ ތިން ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޕަން ހާޓް ސާޖަރީއެއްވެސް އެ ހޮސްޕިޓަލުގައި ވަނީ ކޮށްފައެވެ.
ފުރަތަމަ ކުރި ކާޑިއެކް ބައިޕާސް ސާޖަރީކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީއެއްގެ އެވެ. އަދި އޯޕަން ހާޓް ސާޖަރީ ހަދައިފައިވަނީ އުމުރުން 25 އަހަރުގެ އަންހެނެއްގެއެވެ.