އިންތިހާބެއްގެ ދުވަސްވަރުގައި ކެންޑިޑޭޓުންނާއި ޕާޓީތަކަށް ބްރޯޑްކާސްޓަރުން އެއާޓައިމް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކާއި ފިޔަވަޅު އެޅުމާއި، ހަމަތަކާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އެޅުމާ ބެހޭ އުސޫލު، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

މިއަދު އާންމުކޮށް، މިއަދުން ފެށިގެން އަމަލުކުރަން ފަށާ މި އުސޫލުގައި ބުނެފައިވާ ގޮތުން، އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ޕާޓީތަކަށް ޚާއްސަކޮށްގެން ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމް، އިޝްތިހާރު ނުވަތަ އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓުކުރުމަށް ވިޔަފާރި އުސޫލުން ނުވަތަ ހިލޭވެސް ދޫކުރެވިދާނެ ކަމަށެވެ.

އުސޫލުގައި ބުނި ގޮތުގައި، ހިލޭ ދޫކުރާ ނުވަތަ ވިއްކާ ވަގުތުތަކާއި އަގުތައް ކަނޑައަޅައި، އަދި އެ ވަގުތުތައް ހޯދުމަށް އެދި ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށް، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާތާ 48 ގަޑިއިރު ތެރޭގައި ބްރޯޑްކާސްޓަރުން އިއުލާނުކުރަންޖެހޭނެއެވެ.

އަދި ކެންޑިޑޭޓުންނަށް ހިލޭ ދޫކުރާ ވަގުތުތަކާއި ވިއްކާ ވަގުތުތަކާއި އަގުތައް، އެ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށާއި، ޕްރޮގްރާމް ޝެޑިއުލުން ކެންޑިޑޭޓުންނަށް ވަގުތު ދޫކުރަން ހާއްސަކުރި ގޮތުގެ ރިޕޯޓު، ހަފްތާއަކު އެއްފަހަކު ބްރޯޑްކޮމްއަށް ހުށަހަޅަންޖެހޭ ކަމަށް އުސޫލުގައި ވެއެވެ.

އުސޫލުގައި ބުނެފައިވަނީ، ހަފްތާއެއްގެ ތެރޭގައި އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ އިތުރު ވަގުތު އަނެއް ކެންޑިޑޭޓަށް ނުވަތަ އެ ކެންޑިޑޭޓުގެ ސިޔާސީ ޕާޓީއަކަށް ނުދެވޭނެ ކަމަށެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތު ވިއްކާނީ ހުރިހާ ފަރާތަކަށްވެސް އެއް އަގަކަށް ކަމަށް އުސޫލުގައި ވެއެވެ.

ކެންޑިޑޭޓުންނަށް ހަމަހަމަކަމާ އެކު އެއާޓައިމް ދޫކުރުމުގެ އުސޫލުގައި ބުނެފައިވަނީ ކެންޑިޑޭޓުންނަށް ދޫކުރާ ވަގުތުތައް ހާއްސަކުރަންވާނީ ރޭގަނޑު 9:00 އިން 12:00 އާ ދެމެދުގައި ކަމަށާއި، ނަމަވެސް އެ ބްރޯޑްކާސްޓަރެއްގެ ޕްރޮގްރާމް ޝެޑިއުލްގައިވާ އެހެން ވަގުތުތައްވެސް ކެންޑިޑޭތުންނަށް ހަމަހަމަކަމާއެކު ހާއްސަކުރެވިދާނެ ކަމަށެވެ.

މީގެ އިތުރުން ކެންޑިޑޭޓުންނަށް ވަގުތު ހާއްސަކުރާ އިރު، އެ ފަރާތަކަށް ކޮންމެ ފަހަރަކު މަދުވެގެން 30 މިނިޓުގެ ވަގުތެއް ދޭންޖެހޭނެ ކަމަށާއި، އެފަދަ ކޮންޓެންޓެއް ދައްކަމުންދާ ވަގުތެއްގައި ކުއްލި ހަބަރެއް ގެނައުމަށްޓަކައި މެދުކަނޑާލަން ޖެހިއްޖެ ނަމަ، ނުވަތަ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ އެ ވަގުތެއް ފަސްކުރަންޖެހިއްޖެ ނަމަ، އެ ހާލަތެއް ނިމުމާއެކު އޭގެ ބަދަލު ވީހާވެސް އަވަހަކަށް ބްރޯޑްކާސްޓަރު ހަމަޖައްސައިދޭންވާނެ ކަމަށް އުސޫލުގައި ވެއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން، ދޫކުރާ ވަގުތުގެ ތެރޭގައި ގެނެސްދޭ ކޮންޓެންޓު ބްރޯޑްކާސްޓުކުރި ޒިންމާ ނަގަންޖެހޭނީ އެ ކޮންޓެންޓެއް ފޮނުވި ބްރޯޑްކާސްޓަރެވެ. އަދި އެ ކޮންޓެންޓަކީ ބްރޯޑްކާސްޓުކުރުމުގެ ގާނޫނު ނުވަތަ އެހެން ގާނޫނަކާވެސް ހިލާފު ކޮންޓެންޓެއް ނަމަ އެ މައްސަލަ ބަލައި، ބްރޯޑްކޮމްއިން ފިޔަވަޅު އަޅާނެކަމަށް އުސޫލުގައި ވެއެވެ.

މިގޮތަށް ބްރޯޑްކާސްޓުކުރާ ކޮންޓެންޓަކާ ބެހޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ބްރޯޑްކޮމްއަށް ހުށަހެޅޭނެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ. އަދި އުސޫލާ ޚިލާފުވާ ނަމަ ބްރޯޑްކާސްޓަރާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ބްރޯޑްކޮމްއަށް ލިބިގެންވެއެވެ.

އެގޮތުން، ނަސޭހަތްތެރިވުމުގެ އިތުރުން އިންޒާރު ދިނުން، އަދި ކޮމިޝަނުން އަންގާ ވަގުތެއްގައި، އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހެއް އާންމުކުރަން ބްރޯޑްކޮމްއަށް އެންގިދާނެ ކަމަށް އުސޫލުގައި ވެއެވެ. އަދި ތަކުރާރުކޮށް އުސޫލާ ހިލާފުވާ ނަމަ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި، ބްރޯޑްކާސްޓަރުގެ ޕްރޮގްރާމް ޝެޑިއުލް ނުވަތަ ޝެޑިއުލުން ބައެއް ވަކި މުއްދަތަކަށް އުނިކުރަން އެންގުމުގެ އިހްތިޔާރު ބްރޯޑްކޮމްއަށް ލިބިގެންވާ ކަމަށް އުސޫލުގައި ވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވެފައިވާ އިރު، އިންތިހާބަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އެވެ.