ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޑިއެކް ބައިޕާސް ސާޖަރީއެއް މިދިޔަ ބުދަ ދުވަހު އޭޑީކޭ ހޮސްޕިޓަލުން، ކުރިތާ ތިން ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޕަން ހާޓް ސާޖަރީއެއްވެސް އެ ހޮސްޕިޓަލުގައި ކޮށްފިއެވެ.

އެ ސާޖަރީއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަދައްކަވަމުން، ސާޖަރީގައި އިސްކޮށް އުޅުނު ޑރ. މުހައްމަދު ޝާފިއު ވިދާޅުވީ އެ ސާޖަރީ ހަދާފައި ވަނީ އުމުރުން 25 އަހަރުގެ އަންހެނެއްގެ ކަމަށެވެ.

"މިއީ ތިން ކުދިންގެ މަންމައެއް. މީނައަށް ދިމާވެފައިވަނީ މައިޓްރަލް ވޭލް ޑިޒީސް. މިވޭލް އަކީ މަތީ ޗެމްބަރާ ތިރީ ޗެމްބަރާ މިއީ އެންމެ މުހިންމު ވޭލް. ހިތުގެ އެންމެ މުހިންމު ވޭލްއަކީ މީ. ދެން އޮތް އެންމެ މުހިންމު ވޭލްއަކީ އަޔޯޓިކް ވޭލް. ތިން ވަނައަށް އެންމެ މުހިންމު ވޭލްއަކީ ޓްރައިކަސްޕިޑް ވޭލް. ދެން މިވޭލް މައްސަލަޖެހިއްޖިއްޔާ ވާގޮތަކީ ބޮޑީއަކަށް ރަނގަޅަށް ޕަމްޕެއް ނުކުރެވޭނެ،" ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން އެ ޕޭޝަންޓް ބެލިއިރު ހިތް ދުޅަވެ އީސީޖީއަށް ބަދަލުއައިސް ސިގްނަލް ރަނގަޅަށް ދަތުރުނުކުރާ ކަމަށެވެ.

އޭޑީކޭއިން ބުނީ ސާޖަރީ ހެދި ޕޭޝަންޓްގެ ހާލުރަނގަޅު ކަމަށާއި އަދި ނޭވާލާން ކުރިން ލައްވާފައި އިން ހޮޅި ނައްޓާލައި އަދި މިހާރު ވާހަކަ ދައްކައި ކައި ހަދާ ކަމަށެވެ.

ބައި ޕާސް ސާޖަރީއަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކުން ނާރުތައް ނަގައި ހިތުގެ ނާރުތައް ބަދަލުކޮށް ކުރެވޭ ސާޖަރީއެއް ނަމަވެސް އޯޕަން ހާޓް ސާޖަރީއަކީ ހިތުގެ އެންމެ އެތެރެ ކަފާލައި، ހިތުގެ މަސަލްސްތަކާއި ވޭލްތަކާއި އާޓަރީފަދަ ތަންތަނުގައި ކުރެވޭ ސާޖަރީއެކެވެ.