އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ރައްޔިތުންގެ މަންދޫބެއް ކަމަށާއި އިބޫވާނީ "ރައްޔިތުންގެ ޕަޕެޓަކަށް" ކަމަށް ޖަޒީރާ ރާއްޖޭގެ ތަރުޖަމާނު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދި ވިދާޅުވެއްޖެ އެވެ.

މިއަދު ސޯލްޓް ކެފޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އިބޫ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕަޕެޓެއް ކަމަށް ޕީޕީއެމް ބޭފުޅުން ވިދާޅުވާތީ ހައިރާންވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ވޭތުވެ ދިޔަ ހުރިހާ ދުވަހަކު ވެސް އިބޫ ރައްޔިތުންގެ މަޖިލީހުގައި އިންނެވީ ރައްޔިތުންގެ ލޯބި ހޯއްދަވައިގެން ރައްޔިތުންގެ ވޯޓާ އެކު ކަމަށެވެ. އެހެންވީމާ އިބޫއަކީ "ރައްޔިތުންގެ ޕަޕެޓެއް" ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އިބްރާހިމް މުހައްމަދު ސޯލިހު ވާނީ ހަމަ ރައްޔިތުންގެ މަންދޫބަށް. ރައްޔިތުން ތަމްސީލު އެބޭފުޅާ ކުރައްވާނީ. ރައްޔިތުންގެ އެބޭފުޅުން ވިދާޅުވާ ގޮތުން ވިއްޔާ ޕަޕެޓަކަށް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރާއްޖެ ދުށް ގޮތަކީ އެއީ ކަމަށެވެ. ވެރިކަމަށް އަންނަ މީހަކު ވެރިކަން ކުރަންވާނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީގެން ކަމަށެވެ.

މަރިޔާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ގާނޫނާ ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އިދިކޮޅުން ވެރިކަމަށް ވަޑައިގަންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިދިކޮޅު މެނިފެސްޓޯގައި ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުދޭނަމޭ ލިޔެފައި ނޯންނާނެ ކަމަށެވެ. އެކަމާ ގުޅިގެން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން މާރިޔާއާ ސުވާލު ކުރުމުން ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ރާއްޖޭގައި އިސްލާމް ދީން ނޫން ދީނެއް ނޯންނާނެ ކަމަށް ލިޔެފައިވާނެ ކަމަށެވެ.

"ގަނޫނު އަސާސީން ތަނެއް ނުދޭ މިރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް. އެ ފުރުސަތެއް ނެތް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އިދިކޮޅު މެނިފެސްޓޯގައި ވެސް އެކަމާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ހިމެނިގެން ދާނެ ކަމަށެވެ.