ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރޭޑިއޮލޮޖީގެ ހިދުމަތް ދޭން ފަށައިފިއެވެ.

ރޭޑިއޮލޮޖީގެ ހިދުމަތް އެ ހޮސްޕިޓަލްގައި ދޭން ފެށީ މިއަދު ހެނދުނުއެވެ.

އެ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި މެނޭޖަރ އިސްމައިލް މުހައްމަދު "ސަން" އަށް ވިދާޅުވީ، ހޮސްޕިޓަލްގައި މިއަދު ދޭން ފެށި ހިދުމަތް ވެގެން ދާނީ ތިނަދޫގެ ރައްޔިތުންނަށާއި މުޅި އަތޮޅުގެ އެންމެންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ކަމަށެވެ.

އިސްމާއިލް މުހައްމަދު ވިދާޅުވީ، މީގެ ކުރިން މީހުން ބަލިވުމުން ދަތަރުފަތުރު ކޮށްފައި ޑޮކްޓަރަށް ދައްކަން މާލެ ދާންޖެހުން އެއީ ރައްޔިތުން އުފުލާ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. ނަމަވެސް މިއަދު ރޭޑިއޮލޮޖީގެ ހިދުމަތުން އެ ހިދުމަތް ހޯދަން ބޮޑު އަގުގައި ޓިކެޓް ނަގައިގެން މާލެ ދާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން މިޖެހެނީ ބޮޑު އަގުގަ ޓިކެޓް ނަގައިގެން މާލެ ދާން، މާލެ ދާން ވިޔަސް ދެކޮޅު ޓިކެޓަށް ލަންކާއަށް ދިޔުމަކާ އެއްވަރަށް ރުފިޔާ އަރާ. މިއަދު މި ދެވެން ފެށުނު ހިދުމަތުން ދެން އިރާދަކުރެއްވިއްޔާ މިރަށުގެ ރައްށިތުންނަށާއި މުޅި ރީޖަންގެ ރަށްތަކުގައި އުޅޭ އެންމެންނަށް ވެސް ވަރަށް ބޮދެތި ފަސޭހަތަކެއް ވާނެކަން ޔަގީން،" އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.

މިއަދު ދެވެން ފެށުނު ރޭޑިއޮލޮޖީގެ ހިދުމަތް ފެށުމާއެކު އަންހެނުންނަށް ހާއްސަ ސްކޭންތަކާއި މަސްގަނޑު އަދި ކަށީގެ ސްކޭންތައް ފަސޭހަކަމާއެކު އެ ހޮސްޕިޓަލުން ކުރެވޭނެ އިންތިޒާމު ފަހިވާނެއެވެ.

އިސްމާއިލް މުހައްމަދު ވިދާޅުވީ ރޭޑިއޮލޮޖީގެ ހިދުމަތް ދެމުންދާ ޑިޕާޓްމެންޓްގެ ދަށުން ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ ހޮސްޕިޓަލްގައި މެމޯގްރާމްގެ ހިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު ހުރީ ހުރިހާ މެޝިނަރީތަކަކާއި އިކުއިޕްމެންޓެއް ލިބިފަ، މިހާރު އެތަކެތި އިންސްޓޯލް ކުރަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.