13 Aug 2018, 12:44
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ފޯމް ބޭރިކޮށްލި ހުސެއިން ނަސީރުގެ ކެންޑިޑެސީގެ މައްސަލަ ހައި ކޯޓަށް ވައްދައިފި އެވެ.
ހުސެއިން ނަސީރުގެ ކެމްޕެއިން މެނޭޖަރު އަމްޖަދު ހުސެއިން ވިދާޅުވީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު ކަމަށާއި އަދި ބަލައިގަތް ކަމެއް އަދި ބަލައި ނުގަންނަ ކަން އަންގާފައި ނުވާ ކަމަށެވެ.
އަމްޖަދު ވިދާޅުވީ، އެ މައްސަލަ ކޯޓަށް ވެއްދީ އެއްގޮތަކަށް ވެސް ރިޔާސީ އިންތިހާބު ފަސް ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި މައްސަލަ ކޯޓަށް ވެއްދީ އިލެކްޝަނުން އަމަލުކުރި ގޮތް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
"އިންތިހާބުގައި ވާދަކުރުމުގެ ދޮރި ބަންދުވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ހުއްޓާ ފޯމްގައި މައްސަލަތަކެއް ހުރި ކަމަށް ބުނު ބާތިލު ކުރިކަން އެންގީ. އަޅުގަނޑުމެން ގަބޫލުކުރަނީ ފޯމްގައި މައްސަލައެއް އުޅޭ ނަމަ ރަނގަޅު ކުރުމަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް،" އަމްޖަދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ހުސެއިން ނަސީރުގެ ފޯމް ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބްގައި ވާދަކުރާ ނަމަ ހުށަހަޅާ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުގެ އިތުރުން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އަދި އޭނާގެ ރަނިންމޭޓް ޝައިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރިކޯޑްގައި މައްސަލަތަކެއް ހުރިކަން ވެސް އަކްރަމް ފާހަގަކުރެއްވި އެވެ.
އަމްޖަދު ވިދާޅުވީ، އުންމީދު ކުރަނީ ކޯޓު މަރުހަލާ ނިމި ނަސީރުގެ ކެންޑިޑެސީ ލިބި ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ވާދަކުރެއްވޭނެ ކަމަށެވެ.