ގއ. ގެމަނަފުށީގައި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީ އަކު ކަރަންޓްގައި ޖެހިގެން މަރުވެއްޖެ އެވެ.

ގެމަނަފުށީ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ޝިޔާން މިއަދު 'ސަން' އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު ފަހެއް ޖަހަން ވެފައި ވަނިކޮށް ކަމަށެވެ.

"އެން ދަމަން ދިއްލާފައި ހުރި ލައިޓްގައި ހިފަހައްޓައިގެން ހުއްޓާ ބިދޭސީ މީހާގެ ގައިގައި ކަރަންޓްޖެހި މަރުވީ. އެވަގުތު އެ ދޯނި އޮތީ ގެމަނަފުށި ކައިރީގައި ވުމުން ވަގުތުން ވަނީ މި ރަށަށް އައިސްފައި،" ޝިޔާން ވިދާޅުވި އެވެ.

ގަމަނަފުށީ ސިއްހީ މަރުކަޒު: އެ ރަށު ދޯންޏެއްގައި މަސައްކަތްކުރި ބިދޭސީއަކު ކަރަންޓްގައި ޖެހި މަރުވެގެން މިއަދު ވަނީ ސިއްހީ މަރުކަޒަށް ގެނައިސްފައި ---

ބިދޭސީ މީހާ ކަރަންޓްގައި ޖެހުމާ އެކު ވަގުތުން މަރުވެފައިވާ ކަން ޝިޔާން ފާހަގަކުރެއްވި އެވެ. އަދި އެވަގުތު ބިދޭސީމީހާ އަށް އެހީތެރިވުމަށް އޭނާގެ ގައިގައި ހިފެހެއްޓި ދިވެއްސަކަށް ވެސް ކަރަޓްގެ އަސަރުކޮށްގެން ގެމަނަފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ޝިޔާން ވިދާޅުވި އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަން ޝިޔާން ފާހަގަކުރެއްވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެގެން ރިޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.