13 Aug 2018, 11:20
ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިހާބުވެއްޖެ ނަމަ، އެމަނިކުފާނު ރާއްޖޭގެ ޖީޑީޕީ 20،000 އެމެރިކާ ޑޮލަރާ ހަމައަށް ގެންދަވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ތ. އަތޮޅަށް ރައީސް ޔާމީން ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ 4000 ޑޮލަރުން 10،000 ޑޮލަރަށް އެރީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އިިރު ރާއްޖޭގެ ޖީޑީޕީ މިއޮތީ 4000 ޔޫއެސް ޑޮލަރުގައި. މިއަދާ ހަމައަށް ދިޔައިރު އެ އަދަދު މިވަނީ 4000 އިން 10000 ޔޫއެސް ޑޮލަރާ ހަމައަށް ގެންދަވާފައި." ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ޖީޑީޕީއަށް އެހާ ބޮޑު ކުރިއެރުމެއް އައީ ރައީސް ޔާމީން ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ޖީލުތައް އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ކުރިއަށް އޮތް ފަސް އަހަރެއްގައި، ރާއްޖޭގެ ބޮލަކަށް ޖެހޭ ޖީޑީޕީގެ މިންގަނޑު 20،000 ޔޫއެސް ޑޮލަރަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވާނެ ކަމަށް ވިދާޅުވަނީ. އެއީ ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ހުރިހާ އެންމެން ގަބޫލު ކުރަނީ،" ތޯރިގު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވެސް ތޯރިގު ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން އޭނާ ދައްކަވަމުން ގެންދަވަނީ އެއްވެސް ކަހަލަ ތަސައްވަރެއް ނެތް ވާހަކަތަކެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.
"އަށާރަ މަސް ދުވަހު ހުންނަވާ ބޭފުޅަކު މާބޮޑެތި ސްޓްރެޓަޖިކް ވިސްނުންތަކެއް ވިސްނަވާކަށް ނުޖެހޭނެ. ރައްޔިތުންނާ ދޭތެރޭ މާބޮޑަށް ވިސްނަވާކަށް ނުޖެހޭނެ." ތޯރިގު ވިދާޅުވި އެވެ.
މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު އޮތީ ދެރަ ހާލެއްގައި ކަމަށް ވިދާޅުވެ ތޯރިގު ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން، އޭރު ދިވެހިން ތިބީ ޑޮލަރު ހޯދަން ދަތިވެފައި ކަމަށާއި ދައުލަތް އޮތީ ދަރާފައި ކަމަށް ތޯރިގު ވިދާޅުވި އެވެ. ތޯރިގު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން އެމްޑީޕީއަށް ލިބުނު ފުރުސަތުގައި އެ ޕާޓީއިން ރައްޔިތުން ބިކަ ކުރީ ކަމަށެވެ.