ދިރާގު ދިވެހި ލީގުގެ ދެވަނައަށް އެރުމަށް މާޒިޔާ އިން ކުރަމުން އައި މަސައްކަތަށް ވެލެންސިއާ އިން އިތުރު ހުރަސް ކުރިމަތި ކުރުވައިފި އެވެ. ރޭ މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ރޭގެ މެޗުގައި ލަނޑުޖަހާ ލީޑު ހޯދުމަށް ލިބުނު ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ ވެލެންސިއާ އަށެވެ. މެޗުގެ ތިން ވަނަ މިނެޓުގައި ވެލެންސިއާގެ ބިދޭސީ ފޯވާޑް ހަންސްލޭ އަވިލޯ އުފެއްދި ހަމަލާ މާޒިޔާގެ ޒުވާން ކީޕަރު މުހައްމަދު ޔަމާނު ވަނީ ހުށިޔާރު ކަމާއެކު ދިފާޢު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ މާޒިޔާ އަށް ވެލެންސިއާ ގެ ގޯލު މެޗުގެ 21 ވަނަ މިނެޓުގައި ހުޅުވައިދިނީ މުޙައްމަދު އުމެއިރު އެވެ. މާޒިޔާގެ ބިދޭސީ ފޯވާޑް ފެނާންޑޯ ޗަޕާރޯ ދިން ބޯޅައަކުން އުމެއިރު ވަނީ ވަރަށް ރީއްޗަށް ނިންމާލާފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން، 37 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވުނު ޑިފެންޑަރު ރިލްވާން ވަހީދު ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ރިލްވާން ވަހީދު މިލަނޑު ކާމިޔާބުކުރީ ޕެނެލްޓީ އޭރިޔާ ފެށޭ ރޮނގާ ހަމައިން އުފެއްދި ހަމަލާއަކުން ނެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ކުރިއަށް އަރައި އިދިކޮޅު ޓީމަށް ނުރައްކާކޮށް ފަހަތަށް ފާބައިތަން ފެނުނެވެ. މިހާފުގައި ދެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލުތެރެއަށް ބޯޅަ ފޮނުވާލެވިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވެލެންސިއާގެ މެނޭޖަރު އަބްދުﷲ ޝިބާ ބުނީ، ޓީމުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޕޮއިންޓެއް ލިބުމުން ހަޖަމު ނުކުރެވި އުޅުނު ތަން މާޒިޔާގެ ފަރާތުން ފެނުނު ކަމަށެވެ.

"ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް. މިމެޗުން މާޒިޔާ އަށް ޕޮއިންޓެއް ލިބުމުން އެމީހުންނަށް ހަޖަމު ނުކުރެވުނު ކަން ފާހަގަ ވެގެންދިޔަ. ޓީމުގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް މެނޭޖްމަންޓުގެ ފަރާތުން ޝުކުރު އަދާކުރަން." ޝިބާ ބުންޏެވެ.

މާޒިޔާއަށް ހަޖަމު ނުކުރެވޭނެ ފަދަ ނަތީޖާއެއް އެއްވެސް ޓީމަކަށް ނުނެރެވޭނެ ކަމަށް ބުނެ އެ ކުލަބުގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ވަނީ ވެލެންސިއާގެ މެނޭޖަރު ޝިބާއަށް ރައްދު ދީފަ އެވެ.

"މާޒިޔާއަށް ހަޖަމުނުކުރެވޭނެ ފަދަ ނަތީޖާއެއް އެއްވެސް ޓީމަކަށް ނުނެރެވޭނެ. މިނަތީޖާއާ މެދު ވެލެންސިއާ ހިތްހަމަ ޖެހެންޏާ ކިތަންމެހާވެސް ރަނގަޅު. ލީގުގެ މިހާހިސާބަށް އައިއިރު ތިންވަނާގައި މިއޮތީ މޮޅުވާން ޖެހޭނެ ފަދަ މެޗުތަކުގައި މޮޅު ނުވެވެމުން. މިހާރު މިވަނީ ދެވަނަ އަށް އެރުމުގެ އަމިއްލަ ބާރު ގެއްލިފައި." އިންމަ ބުންޏެވެ.

ދިރާގު ދިވެހި ލީގުގައި މިރޭވެސް މެޗަށް ކުޅުމަށް ހަމަޖެހިފައި ވެއެވެ. އެއްކޮޅުން ލީގުގެ އެއްވަނަ ވީބީ ސްޕޯޓްސް ނުކުންނައިރު، އަނެއްކޮޅުން ނުކުންނާނީ ފަސްވަނާގައިވާ އީގަލްސް އެވެ. މިމެޗުން ވީބީ އަށް ޕޮއިންޓެއް ލިބިއްޖެނަމަ ލީގު މުޅިން ކަށަވަރު ވާނެއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.