ތ. ތިމަރަފުށީގައި އެންވައިރަމެންޓް މިނިސްޓްރީން ގާއިމު ކުރި ފެނުގެ ނިޒާމް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިފްތިތާހްކޮށްދެއްވައިފި އެވެ.

ތިމަރަފުށީގައި މި ސަރުކާރުން ގާއިމްކޮށްދެއްވި ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވީ މިއަދު ހެނދުނު އެރަށުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.

ދައުލަތުގެ ބަޖެޓުން 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފިއުރިޓާސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ފެށި އެ މަސައްކަތް ނިންމާލާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ތިމަރަފުށީގައި ގާއިމްކުރި ފެނުގެ ވިއުގައިގެ ދިގުމުނުގައި 65،00 މީޓަރު ހުންނައިރު 385 ގޭބިސީއަކަށް ވަނީ ފެނުގެ ހިދުމަތް ގުޅައިފަ އެވެ.

ތިމަރަފުށީގައި ބެހެއްޓި ފަސް ދޮޅަސް ޓަނުގެ ދެ އާރޯ ޕްލާންޓް އިން ދުވާލަކު 120 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވެ އެވެ. ދެ ޕްލާންޓްއިން ތައްޔާރު ކުރާ ފެނުގެ އިތުރުން ވާރޭ ފެން ރައްކާ ކުރުމަށް ވަނީ 850 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ޓޭންކެއް ބަހައްޓައިފަ އެވެ.

ފެން ޕްލާންޓް އިން ބޭރުކުރާ ލޮނުފެން ބޭރުކުރުމަށް ވަނީ 130 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅައިފަ އެވެ. ފެން ޕްލާންޓް ބެލެހެއްޓުން ވަނީ ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފަ އެވެ.

ރައީސްގެ ތިން ދުވަހުގެ ދަތުރުފުޅުގައި ތ. ވޭމަންޑޫއާއި ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި ތ. ވިލުފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ތ. ބުރުންޏާއި ދިޔަމިގިއްޔާއި މަޑިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި ތ. މަޑިފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެ ރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.