13 Aug 2018, 10:57
އިލްކްޝަންސް ކޮމިޝަނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ނުފަތުރަން އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ "ކްރެޑިބިލިޓީ" ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުުން ވާހަކަ ދައްކަމުން ދާ ކަމަށެވެ.
"ހާއްސަކޮށް މި ރި ރެޖިސްޓްރޭޝަނުގެ ކަންތައްތަކާ ގުޅޭ ގޮތުން އިލެކްޝަނަށް މިވެނި އަދަދަކަށް ރީ-ރެޖިސްޓްރީ ކުރިކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް އެބަ ފަތުރަމުން ދޭ. މިއީ ހިތާމަ ހުރި ކަމެއް،" އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް ގާތްގަނޑަކަށް 95،000 އާ ގާތްކުރާ އަދަދަކަށް ރި- ރެޖިސްޓްރީވާން ފޯމު ހުށަހަހެޅި ކަމަށް އަކްރަމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ އަދި ރި-ރެޖިސްޓްރީވި އަދަަދު ނޫން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ރި- ރެޖިސްޓްރީވި މީހުންގެ ޖުމްލަ އަދަދު އެނގެން ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަނުން އެހެން ބުނެފައިވާ އިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ރަށަކަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރީ ރެޖިސްޓްރީކުރަން އެއްލައްކަ އަށް ވުރެ ގިނަ މީހުން ހުށަހެޅި ކަމަށް ހަބަރުތައް ލިބޭ ކަމަށާއި އެއްލައްކައަށް އަރާނަމަ އެއީ އޮޅުވާލުމެއް ކަމަށެވެ.
"މައުލޫމާތު ލިބޭ ގޮތުން އެއްލައްކައަށް ވުރެ ގިނަ މީހުން ތިމާ ވޯޓުލާތަން ނޫން ތަންތަނަށް ވޯޓުލާން އެބައޮތް ރީ ރެޖިސްޓްރީއަށް ހުށަހަޅާފައި. މިއީ އަޅުގަނޑުމެންނަށް ފެންނަ ހިސާބުތަކުން ބޮޑު އަދަދެއް. މި އަދަދު ނުކުތީ ކިހިނެތްތޯ ބަލަން އެބަޖެހޭ." އިބޫ ވިދާޅުވި އެވެ.
އޮފީސްތައް މެދުވެރިކޮށް ރީ ރަޖިސްޓްރީކުރި ބައެއް މުވައްޒަފުން ދެވަނަ ފަހަރަށް އަމިއްލައަށް ފޯމު ހުށަހަޅާފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެއްލައްކަ މީހުން ރީ ރަޖިސްޓްރީވި ކަމަށް ނިންމައިފި ނަމަ އެއީ މައްސަލައެއް ކަމަށް އިބޫ ތަކުރާރުކޮށް ވިދާޅުވި އެވެ.