ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރުން ކަމުގައިވާ ރަންބީރު ކަޕޫރު އަދި އާލިއާ ބަޓްގެ ކައިވެނި އަންނަ އަހަރު ކުރާނެ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފި އެވެ.

އެ ދެތަރިން އަންނަ އަހަރު ކައިވެނިކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ކައިވެނިކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.

ފިލްމު "ބްރަހްމާޝްތުރަ"ގައި ދެމީހުން މަސައްކަތް ކުރަން ފެށި ހިސާބުން ދެތަރިންގެ ދެމެދުގައި ވަނީ ގާތްގުޅުމެއް އުފެދިފަ އެވެ.

ދާދި ފަހުން ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ބުނީ ވަރަށް އަވަހަށް ރަންބީރު ކަޕޫރު ކައިވެންޏެއްކޮށް އަމިއްލަ ދިރިއުޅުމެއް ފަށާތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި ރަންބީރު މިހާރު ކައިވެންޏެއް ކުރަން ވެއްޖެ ކަމަށް ވެސް ރިޝީ ބުންޏެވެ.

އާލިއާ ވަނީ ވަރަށް ކުޑަ އިރުން ފެށިގެން ރަންބީރު އަކީ އޭނާގެ "ކްރަޝް" އެއް ކަމަށާއި ރަންބީރާއި ކައިވެނި ކުރުމުގެ ހުވަފެން ވެސް ދެކުނު ކަމަށް މީގެ ކުރިން ބުނެފަ އެވެ. އަދި ރަންބީރު އާ އެކު ފިލްމެއްގައި މަސައްކަތް ކޮށްލަން ލިބުމަކީ ވެސް ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

އާލިއާގެ އިތުރުން ރަންބީރު ވެސް ވަނީ އާލިއާ އާއި ގަޔާވާކަމަށް މީގެ ކުރިން އެއްބަސްވެފަ އެވެ.