ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ ހަމައެކަނި އެއްޗަކީ މަސް ކަމަށާއި ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕުގެ ގައުމުތަކަށް ގޮވާލުމަކީ މަސްވެރިންނާ ދިމާކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝައިނީ ރޭ ވިދާޅުވީ ރާއްޖެއަށް އިގްތިސާދީ ގޮތުން ދަތިކުރުމަށް ފުރަތަމަ އެޅި ފިޔަވަޅަކީ ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން 24 ޕަސެންޓް ޓެކްސް އިތުރު ކުރުން ކަމަށެވެ. ނަމަވެސް އެ ޓެކްސް ވެސް ދައްކަމުން ދަނިކޮށް އަނެއްކާ ވެސް ދެން މި ގޮވާލަނީ ރާއްޖެއާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށެވެ.

"ދިވެހި ދަރިންތަކެއް ނިކުމެ، ދިވެހިރާއްޖެ އަށް ފިޔަވަޅު އަޅަން ގޮވާލާއިރުގައި ރާއްޖެއަށް ޔޫރަޕުން ދާ ހަމައެކަނި އެއްޗަކީ މަސް ކަމަށްވާއިރުގައި މިއީ ސީދާ މަސްވެރިންނާ ދިމާ ކުރުން ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ރާއްޖެއާ ދެކޮޅަށް އިގްތިސާދީ ގޮތުން ފިޔަވަޅު އެޅުމަށް ރާއްޖޭގެ ކުރީގެ ވެރިންނާއި މިނިސްޓަރުން ގޮވާލާއިރު އެ ގޮވާލެވެނީ މަސްވެރިންނަށް ދަތިކުރަން ކަމަށެވެ. ޝައިނީ ވިދާޅުވީ އެއް ހަމައެއްގައި މަހުގެ އަގު ހިފެހެއްޓި ސަރުކާރެއް މި ސަރުކާރު ނޫނީ ނެތް ކަމަށެވެ.

"މި ގޮވާލާ ގޮވާލުމަކީ މަސްވެރިންނަށް ގެއްލުން ދިނުމުގެ ގޮތުުން ގޮވާލާ ގޮވާލުމަކަށް މިވަނީ،"

މިނިސްޓަރު ޝައިނީ ވިދާޅުވީ އިގްތިސާދީ ގޮތުން މަސައްކަތްކުރަން އެނގޭ ވެރިއަކު ހުންނެވި ނަމަ ސިންގަޕޫރާއި ދުބާއީ އަށްވުރެ ކުރިއަށް ރާއްޖެ ޖެހިލާނެ ކަމަށެވެ.

"ރާއްޖެ މިއޮތް ސަރަހައްދަކީ ސްޓްރެޖިކް ކޮށް ބަލާ ނަމަ ވަރަށް ރަނގަޅު ސަރަހައްދެއް. އެހެންވެ ގައުމު ތަރައްގީ ކުރެވެން އެބައޮތް ސިންގަޕޫރާ އެއްވަރަށް ނުވަތަ އެއަށް ވުރެ މައްޗަށް. އަޅުގަނޑުމެންގެ ލޮކޭޝަން އަޅުގަނޑުމެންނަށް ދެއްވާފައިވާ ރީތިކަމުގެ ނިއުމަތުގެ ބޭނުން ކޮށްފި ނަމަ ވަރަށް ކުރިއަށް ދެވިދާނެ،" ޝައިނީ ވިދާޅުވި އެވެ.

ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެމީހުންގެ އިންވެސްޓުމެންޓުތައް ގެންނަނީ އެ ފައިސާ އެމީހުންނަށް އަނބުރާ ލިބެން އޮތްކަން ޔަގީންވާތީ ކަމަށް ޝައިނީ ވިދާޅުވި އެވެ.