ދީނީ ފަތުވާދީގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އެއްވެސް އާލިމެއް ޖަލަށްލާފައި ނުވާނެކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދީނީ އިލްމުވެރިޔާ އަދި މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް އިސްލާމީ ދައުވަތަށް މަގުފަހިވެފައި ނެތް މިންވަރަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ އިލްމުވެރިންނަށް ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފުރުސަތުތަކަކާއި މިނިވަންކަން ދީފައިވާ ކަމަށެވެ.

"އަރަބި ބަސް ދިރުވައި ގުރުއާނުގެ އިލްމު ފަތުރައި އިސްލާމީ ޔުނިވާސިޓީ އުފައްދައި، ކުރުމުއްދަތެއްގައި ގިނަ މިސްކިތްތަކެއް އަޅުއްވައި އިސްލާމީ ފައިނޭސް މުވައްސަސާތައް އުފައްދަވައި، އިސްލާމީ މަރުކަޒުތައް ބިނާކޮށް އިސްލާމީ ފައިނޭސް ސެންޓަރު އުފައްދައި އެ ނިޒާމު ވަރުގަދަ ކުރެއްވީ ރައީސް ޔާމީން،" ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ މާތްﷲ ގެ ރަހުމަތާއެކު ރަސްރަސްކަލުންނާއި ދީންދެކެ ލޯބިވާ ހިތްވަރުގަދަ ވެރިންނާއި، އިސްތިއުމާރީ އަދި ފިކުރީ ހަނގުރާމަ އާއި އަޅުވެތިކަމާ ދެކޮޅަށް ރައްޔިތުން ހިތްވަރު ގަދަ ކަމާއެކު ކުރި މަސައްކަތުން ކަމަށެވެ.

އިސްލާމްދީން ކުރިއެރުވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވައި ޑރ. ޝަހީމް ވަނީ ރައީސް ޔާމީނަށް އިންތިޚާބުގައި ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

ޑރ. ޝަހީމް މިހާރު ހުންނެވީ ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީގައެވެ. އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޑރ. ޝަހީމް ރޭ ވަނީ އެ ސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްކޮށްދެއްވާނެ ކަމުގެ ހަބަރު ދެއްވައިފައެވެ. އެ އިސްލާމީ މަރުކަޒުން ގުރުއާން ހިތުދަސް ކޮށްދިނުމާއި އިސްލާމީ ތައުލީމް ފެތުރުމާއި ގުރުއާން އިލްމް ފެތުރުން ފަދަ މަސައްކަތްތައް ކުރެވިގެންދާނެކަމަށާއި އިސްލާމީ ދަރުސްތަކާއި ފޯރަމްތަކާއި ދީނީ އިލްމާ ގުޅޭ އެހެން ކަންތައްތައް ވެސް އެ މަރުކަޒުގައި ކުރެވޭނެ ކަމަށް ޑރ. ޝަހީމް ރޭ ވިދާޅުވިއެވެ.