ރިޔާސީ އިންތިޚާބުގައި ވޯޓުލާ ދުވަހު ބޭނުންކުރާ ވޯޓު ފޮށިތަކާ ވޯޓިން ބޫތުތައް ރަށްރަށަށް ފޮނުވައި ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ ރަށްރަށަށް ފޮނުވަންޖެހޭ ވޯޓިން ބޫތުތަކާއި ފޮށިތައް އެ ރަށްރަށަށް ފޮނުވައި ނިމިފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ގައުމުތަކާއި ވޯޓު ފޮށި ބަހައްޓަ ރިސޯޓުތައް ކަނޑައެޅޭނީ ރީ-ރަޖިސްޓްރޭޝަންގެ ކަންތައް ނިމުމުން ކަމަށާއި ގާތްގަނޑަކަށް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ރީރަޖިސްޓްރޭޝަންގެ ކަންތައް ނިންމާލެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެއެވެ. އިންތިޚާބުގައި 491 ވޮޓު ފޮށި ބަހައްޓަން ނިންމާފައިވެއެވެ.

ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު 43 ރިސޯޓެއްގައިވެސް ވޯޓު ފޮށި ބަހައްޓާނެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން މިހާރުގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އެވެ.