12 Aug 2018, 15:43
ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މާދަމާ ތ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެންވާރަމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މާދަމާ ހެނދުނު ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތ. ތިމަރަފުއްޓަށެވެ. ތިމަރަފުށީގައި ސަރުކާރުން ގާއިމްކޮށްދެއްވާފައިވާ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އެ ރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.
މާދަމާ ރައީސް ތ. އަތޮޅަށް ފައްޓަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގަންނަވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ
ނިމިގެން ދިޔަ ހަފްތާގައި ރައީސް ޔާމީން ވަނީ ހުވަދު އަތޮޅުގެ ރަށްރަށަށް ވަޑައިގެން އެ ރަށްތަކުގައި ހިންގާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވާފައެވެ.
އެގޮތުން ބައެއް ރަށްރަށުގެ ބަނދަރު ހުޅުވުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުތަކުގައި ރައީސް ބައިވެރިވެވަޑައިގަތެވެ.
އޭގެ އިތުރުން ގއ. ވިލިނގިލީގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި، އެ ރަށުގައި ހަދާފައިވާ ހައުސިންގް ޔުނިޓްތައް ހުޅުއްވައިދެއްވުމުގެ އިތުރުން، ގއ. ކޫއްޑޫ މަސްވެރިންގެ މެރީނާ ވެސް ރައީސް ވަނީ ހުޅުއްވަވައިދެއްވާފައެވެ
މީގެ އިތުރުން ގދ. ފަރެސްމާތޮޑާގައި ގާއިމުކުރާ އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ވެސް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފައެވެ.