12 Aug 2018, 15:10
މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.
ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވާ ދުވަހަކީ ސެޕްޓެމްބަރު 23 ވާ އާދީއްތަ ދުވަހެވެ.
މިއަދު ރައީސް އޮފީހުން ބުނީ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހަމަޖެއްސެވީ އެއީ ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަސްކަމަށް ވާތީ ކަމަށެވެ.
އަދި ޖެހިގެން އަންނަ ސެޕްޓަމްބަރު 24 ވަނަ ދުވަހު ސަރުކާރު ހުޅުވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ ކުރިން ވޯޓުލުން ބާއްވާފައިވަނީ ހަފްތާ ބަންދާ ދިމާކޮށެވެ. މިފަހަރު ވޯޓުލުން އާދިއްތަ ދުވަހާ ދިމާވާތީ އެ ދުވަސް ބަންދުކޮށްދިނުމަށް އެދި ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހެޅުއްވިއެވެ.
ނަމަވެސް އެ މައްސަލަ ބަލައި ނުގަނެ، ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ މުސްތަޝާރު އަދި ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އެވެ.