19 Sep 2011, 11:54
ކަނޑުމަގުން ރާއްޖެ އެތެރެ ކުރި ކަނޑިތަކަކާއި ލޮންސިތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ ބުރާސްފަތި ދުވަހު ކަނޑުމަގުން އެ ކަނޑިތައް އެތެރެކޮށްފައި ވަނީ ވޮޝޫ ފެޑެރޭޝަން އޮފް މޯލްޑިވްސްގެ ނަންމަތީގައި ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެ އެއްޗިއްސަކީ ސިއްރުން އެތެރެ ކުރި އެއްޗެހި ތަކެއް ނޫންކަމަށާއި އެއީ ޑިކްލެއާ ކޮށްފައި ހުރި މުދާ ކަމަށެވެ. މިވަގުތަށް އެތަކެތި ހިފަހައްޓާފައި ވަނީ ޑިފެންސް މިނިސްޓްރީއާ މަޝްވަރާކޮށްފައި ނޫނީ ދޫނުކުރުމަށް ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
"އެއީ ހަމަ އާދައިގެ މަތިން ޑިކްލެއާ ކޮށްފައި ހުރި އެއްޗެހި ތަކެއް. ޑިފެންސާ ވާހަކަ ދައްކަން ޖެހޭ އެއްޗެއްވެއްޖެއްޔާ އަބަދުވެސް ވާހަކަ ދައްކާފައި އެބޭފުޅުން ހުއްދަ ދިނީމަ ދޫކުރާނީ،" ކަސްޓަމްސްގެ އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޮޝޫ ފެޑެރޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި 289 ނުވަ ކަނޑިއާއި 101 ލޮންސި އެތެރެކޮށްފައިވާ ކަމަށާއި އެއީ ހަނގުރާމައިގައި ގޮތުގައި ބޭނުން ކުރެވޭ އެއްޗެހިތޯ ނިންމާނީ ޑިފެންސް މިނިސްޓްރީން ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުއިއްޒު އަދުނާން މިއަދު ވިދާޅުވީ އެ ކަނޑިތަކާމެދު ގޮތެއް ނިންމާނީ އެ އެއްޗެހި އެ މިނިސްޓްރީ އަށް ލިބުމުން އެތަކެތި ބެލުމަށްފަހު ކަމަށެވެ.
"އަޅުގަނޑަކަށް ނޭންގޭ އަދި މިކޮޅަށް [ޑިފެންސާ] ހަވާލުކުރި ކަމެއް. އެހެންވެ އެ އެއްޗެހި ބަލާފައި ގޮތެއް ނިންމާނީ،" ޑިފެންސްގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ އެކަން ސިފައިންނަށް ރަސްމީކޮށް އަދި އެނގިފައިނުވާ ކަމަށެވެ.
ކަސްޓަމްސްގެ އޮފިޝަލު ވިދާޅުވީ އެތެރެކުރި ލޮންސި ތަކުގެ ދިގުމިނުގައި ފަސް ފޫޓާއި ހަ ފޫޓު ހުރި އިރު ކަނޑިތަކުގެ ދިގުމިނުގައި ތިން ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށެވެ.
"އެ އެއްޗިއްސަކީ ހަނގުރާމާއިގައި ބޭނުންކުރާ ޒާތުގެ އެއްޗެއްސަށްވުރެ ބޮޑަށް އަޑުގޮވާ ގޮތަށް ހުރި އެއްޗެހި ތަކެއް" އޮފިޝަލު ވިދާޅުވި އެވެ.
އެ ކަނޑިތަކުގެ މައްސަލައިގައި "ވޮޝޫ" ކުންފުންޏާ ކަސްޓަމްސް އިން ސުވާލު ކޮށްފައިވާ ކަމެއް ނުވަތަ ނުވާ ކަމެއް ވެސް ސާފެއްނުވެ އެވެ.
މި ކަނޑިތައް އެތެރެ ކުރި ވޮޝޫ ކުންފުންނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.