އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. އެ ފުރުސަތު ބަންދު އިރު ފޯމު ހުށަހެޅުއްވި ކެންޑިޑޭޓުންގެ ތެރެއިން އިލެކްޝަނުން ފޯމު ބަލައިގެންފައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހުށަހެޅުއްވި ފޯމެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވި ހުސައިން ނަސީރުގެ ފޯމު އިލެކްޝަނުން ވަނީ ބަލައި ނުގަނެ އަނބުރާ ފޮނުވާލާފަ އެވެ.

އެހެންކަމުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓާއި ޕީޕީއެމްގެ ކެންޑިޑޭޓްކަން މިވަނީ ޔަގީންވެފަ އެވެ. ވާދަވެރިކަން ބޮޑު ދެ ފިކުރުގެ ދެމެދުގައި ވޯޓެއް ބާއްވާ އިރު ދެ ފަރާތުން ވެސް މިހާރު ދަނީ ރަށްރަށަށް ދަތުރުކޮށް ކެމްޕެއިން ކުރަމުންނެވެ.

ކޮންމެ ބަޔަކު ވެސް ބުނަމުން ދަނީ މިފަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށެވެ. މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފު ކުރުމަށް ފަހު، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ރިޔާސީ އިންތިހާބެއް އެއްބުރުން ކާމިޔާބުވެފައެއް ނެތެވެ. އަދި ދެ ކެންޑިޑޭޓެއްގެ ދެމެދުގައި ވޯޓުލުން ބާއްވާ ވެސް މިއީ ފުރަތަމަ ފަހަރެވެ. އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ފަރާތަކުން ވޯޓުލާ މީހުންގެ 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓް ހޯދަން ޖެހޭނެ އެވެ.

"ރައީސް ޔާމީން ބަލިކޮށް އިބޫ އިންތިހާބުގައި 70 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯދާނެ. މިއީ ބަދަލަކަށް ނުކުންނަ ފަހަރެއް،" ޖަޒީރާ ރާއްޖެ ކެމްޕެއިންގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އިދިކޮޅު ހޯދާނެ ޕަސެންޓާ އެއްކޮށް ހާމަ ކުރާއިރު ޕީޕީއެމުން ބުނަމުންދަނީ ބޮޑު އަޣުލަބިއްތަކަކުން ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވެފައި ވަނީ ޕަސެންޓެއް ބުނަން ބޭނުން ނޫން ކަމަށާއި އެކަމަކު އިންތިހާބު ކާމިޔާބު ކުރާނީ ރައީސް ޔާމީންކަން ޔަގީން ކަމަށެވެ.

ނަމަވެސް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މީޑިއާތަކަށް ވިދާޅުވެފައި ވަނީ 65 ޕަސެންޓަށް ވުރެ ބޮޑު އަޣުލަބިއްތަކުން ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ފަސްދޮޅަސް ޕަސެންޓަށް ވުރެ ބޮޑު އަޣުލަބިއްޔަތެއް ރައީސް ޔާމީން އިންތިހާބުގައި ހޯއްދަވާނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބަލާއިރު ތިން ބުރު ވޯޓުލުން ބާއްވަން ޖެހުނެވެ. އެންމެ ފުރަތަމަ ބޭއްވި ވޯޓުލުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

ރިޔާސީ އިންތިހާބު 2013 ފުރަތަމަ ބުރުގެ ނަތީޖާ

- ގާސިމް އިބްރާހިމް - 50422 ވޯޓު (24.07 ޕަސެންޓް)

- ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު - 10،750 ވޯޓު (5.13 ޕަސެންޓް)

- އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު - ވޯޓު 53،099 (25.35 ޕަސެންޓް)

- - މުހައްމަދު ނަޝީދު - 95،244 ވޯޓު (45.45)

އެބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން ދެން ބޭއްވި ބުރުގައި އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ވާދައެއް ނުކުރައްވަ އެވެ. އެ ބުރުގައި ކުރި ހޯއްދެވީ ނަޝީދާއި ރައީސް ޔާމީން އެވެ.

ދެވަނަ ފަހަރަށް ބޭއްވި ފުރަތަމަ ބުރުގެ ނަތީޖާ

- ގާސިމް އިބްރާހިމް - 48،131 ވޯޓު (23.34 ޕަސެންޓް)

- އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު - 61،278 ވޯޓު (29.72 ޕަސެންޓް)

- މުހައްމަދު ނަޝީދު - 96،764 ވޯޓު (46.93 ޕަސެންޓް)

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ

- އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު - 111،203 ވޯޓު (51.39 ޕަސެންޓް)

- މުހައްމަދު ނަޝީދު - 105،181 ވޯޓު (48.61 ޕަސެންޓް)

މީގެ ކުރިން ދެ ބުރަކަށް ރިޔާސީ އިންތިހާބުތައް ބާއްވާފައިވީ ނަމަވެސް މި ފަހަރު ދެ ބުރު ބޭއްވުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ ދެ ކެންޑިޑޭޓުން ވާދަ ކުރާތީ އެވެ. އެހެން ނަމަވެސް ކޯޓު މަރުހަލާއަކަށް ރިޔާސީ އިންތިހާބުގެ މައްސަލައެއް މިވަނީ މިފަހަރު ވެސް ގޮސްފަ އެވެ.

އެއީ އަމިއްލަ ގޮތުން ވާދަކުރައްވަން ހުސައިން ނަސީރުގެ ފޯމު އިލެކްޝަނުން ބަލައި ނުގަތް މައްސަލަ އެ ބޭފުޅާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.