އިދިކޮޅު ރިޔަސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިނުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. އަތޮޅަށް ވަޑައިގެންފި އެވެ.

މިއަދު ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިބޫ އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ހަނިމާދޫ އަށެވެ. އަދި އެ ދަތުރުފުޅުގައި ހދ. އަތޮޅުގެ ހުރިހާ ރަށަކަށް އިބޫ ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕެއިން ދަތުރުފުޅުގައި އިބޫ ވޭތުވެ ދިޔަ ހަފްތާގައި ވަޑައިގަތީ ލ. އަދި ތ. އަތޮޅަށެވެ. ރަށްރަށް ވަޑައިގެން އެ ރަށެއްގެ މީހުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި އިބޫ ދާނީ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ.

އެގޮތުން ތ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ލ. އިސްދޫ ކަލައިދޫ ބޮޑުމަގު ރަނގަޅު ފެންވަރަކަށް ހަދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ވިޔަފާރި ވެރިންނަށް ލުއިވާނެ ގޮތަކަށް ކަރަންޓޫގެ އަގުހެޔޮކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ގުޅިފައިވާ ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ގެނެސްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ހދ. އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އިބޫ ހދ. އަތޮޅަށް ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް އުޅުއްވަނީ ފ. އަތޮޅުގަ އެވެ.