19 Sep 2011, 10:58
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވަޒީފާ އަދާކުރާ 11 މުވައްޒިފަކު ސަބަބު ނާންގާ އިއްޔެ ވަޒީފާއަށް ނުނުކުމެތިބި މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ޖީއެމްއާރުން ބުނެފި އެވެ.
ޖީއެމްއާރުގެ މީޑިޔާ ކޯޑިނޭޓަރު މަހީކާ މިއަދު ވިދާޅުވީ ވަކި ސަބަބަބެއް އެންގުމެއް ނެތި އިއްޔެ ވަޒީފާއަށް ނުނުކުމެ ތިބި އެއާޕޯޓުގެ ހޭންޑްލިން އެންޑް ކާގޯ ޑިޕާޓްމެންޓްގެ 11 މުވައްޒިފެއްގެ މައްސަލަ ބަލައި އާންމު މުވައްޒަފުންގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
"ބުނަން ނޭންގޭ ސަބަބަކާ ހުރެ އެމީހުން ނުނުކުމެ ތިބީ. މިކޮޅަށް އެގިފައެއް ނެތް އެއީ ހަޅުތާޅެއް ކަމެއް. އެއާޕޯޓުގައި ހަޅުތާޅުކުރުމުގެ ހުއްދައެއް ނޯންނާނެ. އެފަދަ ކަމެއް ވުމަކަށް ޖީއެމްއާރުން ފުރުސަތެއް ނުދޭނަން. އެއާޕޯޓްގައި އެބަހުރި ގަވާއިދުތަކެއް ހެދިފައި. އެހެންވެ އެ މުވައްޒަފުންގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ،" މަހީކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ބަލަމުން އަންނާތީ އެ މުވައްޒަފުންނާމެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
އިއްޔެ ވަޒީފާއަށް ނުނުކުމެތިބި 11 މުވައްޒަފުން މިއަދުވަނީ އަލުން ވަޒީފާއަށް ނުކުމެފަ އެވެ. އެގާރަ މުވައްޒަފުން ވަޒީފާއަށް ނުނުކުތް ސަބަބެއް އަދި ސާފެއް ނުވެއެވެ.
މަހީކާ ވިދާޅުވީ އެމީހުން އަލުން ވަޒީފާއަށް ނުކުތީ އެމީހުން ވަޒީފާއަށް ނުނުކުތް ނަމަވެސް އެ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބަރާބަރަށް ހިނގާނެކަން އެ މުވައްޒަފުންނަށް ޔަގީންވުމުން ކަމަށެވެ.
"އެ މީހުން ނުނުކުތުމުން މިކޮޅުން އެހެން ގޮތަކަށް ކާގޯގެ ކަންތައްތައް ހަމަޖެއްސިން. އެހެންވެ އެމީހުން ވަޒީފާއަށް ނުނުކުތަސް އެކަން ކުރިއަށް ދާނެ ކަން ގަބޫލުކުރެވުނީ. އެހެންވެ އަލުން އެމީހުން މިއަދު ނުކުތް. ޖީއެމްއާރުން މަސައްކަތް ކުރަނީ 2014 ވަނަ އަހަރަށް ދިވެހިންނަށް އާ އެއާޕޯޓެއް ގެނެސްދޭން. އެކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ،" މަހީކާ ވިދާޅުވި އެވެ.