14:30


މިދިޔަ ހުކުރު ދުވަހުގެރޭ ސްޓޭޑިއަމް ސަރަހައްދުގައި އޮތް ޑރ.ޒާކިރު ނައިކްގެ ދަރުސްގައި ތިމަންނާއަކީ މުސްލިމެން ނޫން ކަމަށާއި، އިސްލާމްދީން ގަބޫލު ނުކުރާކަމަށް ބުނި މުހައްމަދު ނާޒިމު އެކަމަށް ތައުބާވެ އެނބުރި އިސްލާމް ދީނަށް ރުޖޫއަވެއްޖެ އެވެ.


ރާއްޖޭގެ މީޑިއާތަކުގެ ކުރިމަތީގައި، މިއަދު މެންދުރު ނާޒިމު މިކަން އިއްލާންކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާފައިވަނީ އިސްލާމީ މަރުކަޒުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަދި ހުކުރު ދުވަހުގެރޭ އޭނާއަށް ކުރެވުނު ކަންތައްތަކާ ވަރަށް ދެރަވާ ކަމަށެވެ. އަދި އެކަމަކީ، ރައްޔިތުންގެ އިހްސާސްތަކާ ވަރަށްބޮޑަށް ގުޅުންހުރި ކަމަކަށް ވެފައި ރައްޔިތުންނަށްދެވުނު ވަރަށްބޮޑު ދެރައަކަށްވާތީ ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް ވެސް އޭނާ ބުންޏެވެ. އަދި ދީނާބެހޭގޮތުން ހިތުގައި އުފެދިފައިވާ ކަންތައްތައް މިހާރު އޮޅުން ފިލައިފި ކަމަށާއި، މިހާރު އޭނާއަކީ މުސްލިމެއް ކަމަށްބުނެ އޭނާއަކީ ދިވެއްސެއްކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްދެއްވައި، އޭނާއަކީ މުޖުތަމައުގެ ދަރިއެއްގެ ގޮތުގައި ބަލައިގަތުމަށްވެސް އެދުނެވެ.


އިސްލާމިކް މިނިސްޓަރގެ ނާއިބު މުހައްމަދު ފާރޫގު ވިދާލުވީ، އިސްލާމްދީނާމެދު ނާޒިމުގެ ހިތުގައި އިސްލާމްދީނާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުންދިޔަ މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް މަރުހަބާ ވިދާޅުވާ ކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ.