12 Aug 2018, 09:21
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ދެމިއޮންނާނެ ގޮތާއި ރޫޅޭނެ ގޮތް ބަޔާންކޮށް ގާނޫނެއް އެކުލަވާލައްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބަށް ނެރެފައިވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ރޭ ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕާޓީތަކުން ކޯލިޝަން ހަދާފައި ވަނީ މުޅިން ވެސް މީހަކު ވެރިކަމުން ދުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެހެން ނަމަވެސް މިފަހަރު އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫން ރިފޯމް މޫވްމެންޓު ގުޅިގެން އުފައްދާފައިވާ ކޯލިޝަނަކީ މާ ކުރިން، ވަކި ގޮތަކަށް ރޭވިގެން، ވަކި މަގުސަދުތަކެއް ހާސިލު ކުރުމަށް އެގްރީމެންޓެއް ހަދައިގެން އެކުލަވާލި ކޯލިޝަނެއް ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެއްބަސްވުމުގައި އޮންނާނެ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނެއްގެ ދެމެހެއްޓޭނެ ގޮތް ނުވަތަ ރޫޅޭނެ ގޮތާއި ގާނޫނެއްގައި ނުވަތަ ގާނޫނު އަސާސީގައި ލިޔެވެންވާނެއޭ. ގާނޫނީ ހައިސިއްޔަތު އެޔަށް ލިބިދޭން ޖެހޭނެއޭ." އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ ހޮވިއްޖެ ނަމަ އެ ގާނޫނު އެކުލަވާލާނެ ކަމަށާއި އެއާ އެކު ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެ ކަމަށެވެ.
"އެއީ ގާނޫނަކުން ލިބުމުން އަޅުގަނޑު ހިތުން [ކޯލިޝަން ނުރޫޅި] ހިފެހެއްޓުމުގެ ބާރު ބޮޑުވާނެ." އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯލިޝަންގެ ސަރުކާރެއް ގެންނަން މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ކަމަށެވެ. އަދި އެކަން ކުރުމުގައި ދެބަސްވުންތައް ވެސް ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް އެ ދެބަސްވުންތައް ހައްލު ކުރެވޭނެ ގޮތްތައް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ އިބޫ އިތުރަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯއަށް ކުރިއަށް އޮތްތަނުގައި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އަދި މިހާރު މެނިފެސްޓޯ މުރާޖާ ކުރަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ.