ސެޕްޓޭމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން 1800 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ސަން" އަށް ވިދާޅުވީ ކަރެކްޝަންސްގެ ފަރާތުން 1800 އަށްވުރެ ގިނަ ފޯމް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، އެ ފޯމްތައް އަދި ޕްރޮސެސް ކޮށް ނިމިފައި ނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ހުރިހާ ފޯމުތައް ޕްރޮސެސް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަހަރު ފޯމުތައް ހުށަހަޅާފައިވާ ގިނަ ކަމުން ފޯމުތައް ޕްރޮސެސް ކުރަން ވަގުތު ނަގާނެ ކަމަށެވެ. އެހެން ނަމަވެސް އެ ކޮމިޝަނަށްށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ސައްހަ ހުރިހާ ފޯމުތައް ބަލައިގަނެ ރީރަޖިސްޓަރ ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ ރޭގެ ދަންވަރު 12:00 ގެ ނިޔަލަށް އެ ކޮމިޝަނަށް 86000 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިރޭގެ އެ ވަގުތާ ހަމައަށް ގާތްގަނޑަކަށް 95000 ފޯމު ލިބޭނެ ކަމަށް ބެލެވޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ފާއިތުވި ދެތިން ދުވަސް ތެރޭގައި އެކަނި އެ ކޮމިޝަނަށް 30،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ އިންތިހާބަށް ރީރަޖިސްޓްރީ ކުރާ މީހުންގެ އަދަދު އިތުރުވެފައި ވަނީ މިފަހަރު ވޯޓުލާ އާބާދީ ވެސް ކުރިއަށް ވުރެ އިތުރުވެފައި ވުމުން ކަމަށެވެ. އަދި އެއާއެކު މާލެއާއި ރާއްޖެއިން ބޭރަށް ހިޖުރަ ކޮށްފައިވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.