ލޮލުގެ ބަލިތަކަށް ފަރުވާ ދެވޭނެ ސެންޓަރެއް ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާންގް ލިޒްހޮން ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ މިއަދު ބަނޑޮސް އައިލެންޑު ރިސޯޓުގައި ޗައިނާ އެމްބަސީއިން އިންތިޒާމުކޮށްގެން ބޭއްވި "މައި ސްޓޯރީ ވިތް ޗައިނާ" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޗައިނާއިން ހަދިޔާ ކުރަން ނިންމާފައިވާ އެ ސެންޓަރު ގާއިމް ކުރާނީ ހުޅުމާލޭގައި ކަމަށެވެ. އަދި އެތަނުގައި ލޮލުގެ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ޗައިނާއިން ހުޅުމާލޭގައި ލޮލުގެ ބަލިތަކަށް ހާއްސަ މަރުކަޒެއް ގާއިމް ކުރާނަން. އެތަނުގައި ކެޓަރެކްޓް އޮޕަރޭޝަންތަކާއި ލޮލުގެ އެހެން މައްސަލަތަކަށް ފަރުވާ ދެވޭނެ،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ރާއްޖެއަށް ޑީސެލިނޭޝަން ސިސްޓަމްތަކެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެެވެ. އެގޮތުން ފަސް ރަށަކަށް ޑީސެލިނޭޝަން ސިސްޓަމް ދޭން ނިންމާފައިވާ އިރު އެ ސިސްޓަމްތަކުގެ އިކުއިޕްމެންޓް މިހާރު ތައްޔާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އެތަކެތި ރަށްތަކަށް ގެންދިއުމާ ގުޅޭ ގޮތުން ކަމާ ބެހޭ މިނިސްޓްރީތަކާ ވާހަކަދައްކަމުން އަންނަ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސޯލާ ހަކަތަ އުފެއްދޭނެ ފަދަ ސޯލާ ޕަވާ ސިސްޓަމްތަކެއް ވެސް ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޗައިނާގެ އެހީތެރިކާއެކު 58 ރަށެއްގައި ސޯލާ ޕަވާ ސިސްޓަމް ބަހައްޓާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް 850،000 އެލްއީޑީ ބޮކި ހަދިޔާ ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މި ތަކެތީގެ ސަބަބުން ބައެއް ރަށްތަކަށް ކުރިމަތިވެފައިވާ ފެނާއި ހަކަތައިގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ،" ސަފީރު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ޗައިނާއިން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމާ ބެހޭގޮތުން ވެސް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން މިހާރުވެސް ޗައިނާގެ ހަންޒޯގައި ތިން ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިޔަކަށް ތަމްރީނު ދެމުން އަންނަ ކަން ފާހަގަ ކުރެއްވިއެވެ. އަދި އެ އެތްލީޓުން އޭޝިއަން ގޭމްސްއަށް ތައްޔާރު ކުރަން ރާއްޖޭގެ ކޯޗަކުވެސް ފޮނުވާފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

ދިވެހި ޒުވާނުންނަކީ ފުޓުބޯޅަ އަށް ލޯބި ކުރާ ބައެއްކަން ފާހަގަކުރައްވައި، ސަފީރު ވަނީ ރާއްޖޭގެ 43 ރަށެއްގައި ފުޓުސަލް ދަނޑު އެޅުމަށް ބޭނުންވާ ތަކެތި ހަދިޔާ ކުރަން ޗައިނާއިން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ސަފީރު ވިދާޅުވީ ޗައިނާއާ ރާއްޖޭގެ ގުޅުމަކީ ދެފަރާތަށް ވެސް ފައިދާވާ ގުޅުމެއް ކަމަށެވެ. އަދި ފޮރުވިފައިވާ އެއްވެސް މަގުސަދެއް ނުވާނެ ކަމަށާއި އެހެން ކަމުން ގުޅުން އިތުރަށް ބަދަހި ނުކުރަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

ބަނޑޮހުގައި ބޭއްވި "މައި ސްޓޯރީ ވިތް ޗައިނާ" އިވެންޓަކީ ދެގައުމުގެ ގުޅުން ބަދަހިކޮށް ތަޖުރިބާތައް ބަދަލުކުރަން ބޭއްވި އިވެންޓެކެވެ. އެ އިވެންޓުގައި އެކި ދާއިރާތަކުގައި މަަސައްކަތް ކުރާ ދިވެހިން ވަނީ އެމީހުންނަށް ޗައިނާގައި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފައެވެ.