ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް) ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މިއަދު ސޮއިކުރައްވައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ، ސަލީމް މިއަދު ވިދާޅުވީ އޭނާ އުފެއްދި ލޭބާ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި ޕީޕީއެމްއަށް ސޮއި ކުރެއްވެވީ ކުޑަ ޕާޓީއެއްގައި ހުރެ، ކުރާ މަސައްކަތްތަކަށް ވުރެ ބޮޑަށް ރަނގަޅުވާނީ އިދިކޮޅު ވަރުގަދަ ޕާޓީއަކާ ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ފެންނާތީ ކަމަށެވެ.

ޕީޕީއެމްއަކީ އިދިކޮޅގައި އެންމެ ވަރުގަދަ ފަރާތްތައް ތިއްބެވި ޕާޓީ ކަމަށާއި އެ ޕާޓީ ސޮއި ކުރެއްވީ އެ ސަބަބަށްޓަކައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"ކުޑަ ޕާޓީއެއްގައި ހުރެގެން ކުރާ މަސައްކަތައް ވުރެ ބޮޑަށް ރަނގަޅުވާނީ އެންމެ ވަރުގަދަ ]އިދިކޮޅު[ މީހުން ތިބި ޕާޓީއަށް ސޮއިކޮށްގެން. ކުރިން ޑީއާރްޕީއަށް ވެސް އެއްބާރުލުން ދިނިން. އަދި ސަރުކާރަށް ވެސް އެއް އަހަރު ވަންދެން އެއްބާރުލުން ދިނިން. ނަމަވެސް މި ސަރުކާރު [ހިންގާ ޕާޓީއަކީ] މީހުން ބުނާ ގޮތް ހަދާ ޕާޓީއެއް ނޫން،" ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި އޭނާ ތަމްސީލު ކުރައްވާ އޭދަފުށީ ދާއިރާގެ ގޮނޑިއަކީ މައުމޫން އުފައްދާ ޕީޕީއެމްގެ ގޮނޑިއެއް ކަމަށާއި މަޖިލީހުގައި ދެން އޭނާ ވޯޓު ދެއްވާނީ ވެސް ޕީޕީއެމްގެ ވިސްނުމާ އެއް ގޮތަށް ކަމަށެވެ.

"އަޅުގަނޑު އެދެނީ ޑީއާރްޕީގެ މެންބަރުން ވެސް އަދި ރައްޔިތުން ވެސް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް. ވަރުގަދަ އިދިކޮޅު ޕާޓީއަކަށް ވެގެންދަނީ އޭރުން،" ސަލީމް ވިދާޅުވި އެވެ.