އިރުގެ "ސިއްރުތައް ހޯދުމަށް" އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން އިރަށް ޚާއްސަ ސެޓެލައިޓެއް ފޮނުވަން ތައްޔާރުވެއްޖެއެވެ.

ޕާކާ ސޯލާ ޕްރޯބްގެ ނަން ދީފައިވާ އެސްޕޭސްކްރާފްޓު މީގެ ކުރިން ލޯންޗުކުރަން ހަމަޖެހިފައި އޮތީ މިއަދެވެ. ނަމަވެސް ޓެކްނިކަލް މައްސަލަތަކާ ހެދި އޭގެ ލޯންޗިންގް މާދަމާއަށް ވަނީ ބަދަލުކޮށްފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބާރުގަދަ ރޮކެޓު ކަމަށްވާ ޑެލްޓާ ފޯ ހެވީ ރޮކެޓުގެ އެހީގައި އެ ޕްރޯބު ލޯންޗު ކުރާނީ ފްލޮރިޑާގެ ކޭޕް ކެނަވެރަލްއިންނެވެ. އަދި އެ ޕްރޯބް ވާނީ ދުނިޔޭގެ ތާރީހުގައި އުފެއްދި، އެންމެ ހަލުވިކޮށް ދަތުރުކުރާ ސްޕޭސްކްރާފްޓަށް ކަމަށް ނާސާއިން ބުންޏެވެ.

އެގޮތުން އެ ޕްރޯބުގެ އެންމެ ބާރު ދުވެލީގައި ގަޑިއަކު 700،000 ކިލޯމީޓަރަށް ދަތުރުކުރެވޭނެކަމަށް ނާސާއިން ހާމަކުރެއެވެ.

އެ ސްޕޭސްކްރާފްޓް އެންމެ ފުރަތަމަ ދަތުރު ކުރާނީ ދުނިޔެއާ ކައިރީގައި އޮންނަ ވީނަސް ވަށައިގެންނެވެ. އަދި އެ ޕްލެނެޓުގެ ބިމަށް ދަމާބާރު ބޭނުންކޮށްގެން އޭގެ ސްޕީޑު އިތުރުކޮށް، އިރާ ދިމާލަށް ދަތުރު ފަށާނެއެވެ.

ނާސާއިން ބުނާ ގޮތުގައި އެ މިޝަންގެ މައިގަނޑު މަގުސަދަކީ އިރުގެ އެންމެ ބޭރުގައިވާ ފަށަލަ ކަމަށްވާ ކޮރޯނާއިން މައުލޫމާތު އެއްކުރުމެވެ. އެގޮތުން ކޮރޯނާގެ ޕާޓިކަލްތަކާއި މެގްނެޓިކް އަދި އިލެކްޓްރިކް ފީލްޑްތައް ދިރާސާކޮށް، އިރުގައި ކަންތައްތައް ހިނގާ ގޮތް ހޯދަން އެ ސްޕޭސްކްރާފްޓުން މަސައްކަތް ކުރާނެއެވެ.

ހަތް އަހަރަށް ދެމިގެންދާނެ ކަމަށް ބެލެވޭ އެ މިޝަންގައި ސޯލާ ޕްރޯބުން މައުލޫމާތު ފޮނުވާނީ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ އެޕްލައިޑް ފިޒިކްސް ލެބޯރެޓަރީގެ ސައިންސްވެރިންނަށެވެ.

އިރު ދިރާސާކުރުމުގެ މިޝަންއެއް ފެށުމަށް ނާސާއަށް އެންމެ ފުރަތަމަ ހުށަހެޅީ މީގެ 60 އަހަރު ކުރިންނެވެ. ނަމަވެސް އިރާ ގާތަށް ދެވޭނެ ސްޕޭސްކްރާފްޓެއް އިންޖިނިއަރުންނަށް އުފެއްދުނީ އަދި ކިރިޔާއެވެ.

ނާސާއިން ބުނާ ގޮތުގައި ޕާކާ ޕްރޯބްގެ ހުރިހާ އާލާތްތައް ވަނީ 4.5 އިންޗީގެ ބޯމިން ހުންނަ ކާބަން ކޮމްޕޯސައިޓް ޝީލްޑަކުން ރައްކާތެރިކުރެވިފައި އެވެ. އޭގެ ސަބަބުން އޭގެ އެތެރޭގެ ފިނިހޫނުމިން ހުންނާނީ 30 ސެލްސިއަސްގައި ހިފެހެއްޓިފައެވެ.

ނާސާއެކޭ އެއްގޮތަށް ޔޫރަޕިއަން ސްޕޭސް އޭޖެންސީންވެސް ދަނީ އިރު ދިރާސާ ކުރުމަށް ސްޕޭސްކްރާފްޓެއް ފޮނުވުމަށް ތައްޔާރުވަމުންނެވެ. ސޯލާ އޯބިޓާ ކިޔާ އެ ސްޕޭސްކްރާފްޓު ލޯންޗުކުރަން ހަމަޖެހިފައި ވަނީ 2020 ގައެވެ.