ބުކަރެސްޓް (އޮގަސްޓު 11): ރޮމޭނިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް މީހުން އެއްވެ، މުޒާހަރާކޮށްފިއެވެ.

އިއްޔެ ރޮމޭނިއާގެ އެކި ސަރަހައްދުތަކުގައި ބޭއްވި މުޒާހަރާތަކުގައި ގައުމުން ބޭރުގައި ދިރިއުޅޭ މީހުންވެސް، އެނބުރި ގައުމަށް ގޮސް މުޒާހަރާގައި ބައިވެރިވިއެވެ.

އެ ފަރާތްރަކުން މުޒާހަރާކުރަމުން ދަނީ ކޮރަޕްޝަނާއި، މުސާރާ ކުޑަވުމާއި، ޖުޑިޝަރީގެ ބާރު ކަނޑުވާލަން ވެރިކަން ކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ޕީއެސްޑީ)އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެކަންތައްތަކާ ދެކޮޅެވެ.

އެމުޒާހަރާތަކުގައި 30،000 އާއި 50،000އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވިއެވެ. އަދި ފުލުހުން ވަނީ އެ ގައުމުގެ ވެރިރަށް ބުކަރެސްޓުގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ރޫޅާލުމަށް ކަރުނަ ގޭސް ޖަހައި، ވޯޓާ ކެނަންވެސް ބޭނުންކޮށްފައެވެ.

އޭގެ ސަބަބުން މުޒާހަރާގެ 100 ބައިވެރިއަކަށާއި 10 ފުލުހަކަށް އަނިޔާވިކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ރޮމޭނިއާގައި ޕީއެސްޑީއާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރާތާ މިހާރު މަސްތަކެއް ވެއްޖެއެވެ.

މިދިޔަ ޖުލައި މަހު އެ ގައުމުގެ ރައީސް ކްލައުސް ޔޮހަނިސް ވަނީ ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ތަހުގީގުކުރައްވަމުން ގެންދެވި އެންޓި ކޮރަޕްޝަން ޕްރޮސެކިއުޓަރު، ލޯރާ ކޮވެސީ މަގާމުން ދުރުކުރައްވާފައެވެ.

އަދި އެ ގައުމުގެ ސަރުކާރުން ވަނީ ކޮރަޕްޝަނުގެ ދައުވާގައި ޖަލަށްލާފައިވާ ގިނަ އަދަދެއްގެ މީހުން މިނިވަން ކުރުމަށް ފުރުސަތުދޭ އަމުރެއް މިދިޔަ އަހަރު ނެރެފައެވެ. އެ އަމުރާ ގުޅިގެން އެ ގައުމުގައި ބޭއްވި މުޒާހަރާތަކުގައި 150،000 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި ރޮމޭނިއާގެ ގާތްގަނޑަކަށް ފަސް މިލިއަން މީހުން ވަޒީފާ އަދާކުރަމުން ދަނީ ގައުމުން ބޭރުގައެވެ.

(ބީބީސީ)