11 Aug 2018, 11:44
ސެޕްޓެމްބަރ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނަށް ވޯޓުލުމަށް މިހާތަނަށް 86،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރޭ އޮފީސް ބަންދުކުރުމާއި ހަމައަށް 86،000 އަށް ވުރެން ގިނަ ފޯމު ލިބިފައިވާ ކަމަށާއި އުންމީދު ކުރަނީ އެ އަދަދު އެއް ލައްކައާ ގާތްކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މި ކުރަނީ މިއަދުގެ ނިޔަލަށް ލައްކައަކާއި ގާތްކުރާ އަދަދަކަށް ރީ ރަޖިސްޓްރޭޝަން އަންނާނެ ކަމަށް. ލައްކައަކަށް ގާތް ނުކުރި ނަމަވެސް 95،000 ވަރު އަންނާނެ ކަމަށް އުންމީދު ކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރީގެ އިންތިހާބުތަކުގައި ރީ ރަޖިސްޓްރީ ކުރި އަދަދަށް ވުރެ ދެ ގުނައާ ގާތް ކުރާ އަދަދަކަށް މި ފަހަރުގެ އިންތިހާބުގައި މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ ކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އެކަމުން ދައްކުވައި ދެނީ މި އިންތިހާބަށް އާންމުންގެ ތަރުހީބު އޮތް މިންވަރު ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ރީ ރަޖިސްޓްރޭޝަންއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުން މިދަނީ ހުސް ދޮގު ވާހަކަ. އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. މިވެނި މީހަކު ރަޖިސްޓްރީ ފޯމު ލީ މިވެނި ތަނަކަށޭ، އެކަމު ރަޖިސްޓްރީ ވެފައި އޮތީ އެހެންތާކަށޭ،" ޝަރީފް ވިދާޅުވިއެވެ.
އިންތިހާބާއި މެދު ސުވާލު އުފެއްދުމަށް ބަޔަކު މީހުން ކުރާ އެ މަސައްކަތް ކުށްވެރިކޮށް ޝަރީފް ވިދާޅުވީ ރީ ރަޖިސްޓްރޭޝަންއާ ގުޅޭ ގޮތުން ވަކި މީހެއްގެ ނަމާއި އައިޑީ ކާޑު ނަންބަރު ފާހަގަކޮށް އެ މީހެއްގެ ރަޖިސްޓްރޭޝަންއާ ގުޅޭ މައްސަލައެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ރީ ރަޖިސްޓްރޭޝަންގެ މުއްދަތު އިލެކްޝަނުން ވަނީ އިތުރުކޮށް މިރޭ 12 ޖަހަންދެން ފޯމު ބަލައި ގަތުމަށް ނިންމާފައެވެ.