ލަންޑަން (ސެޕްޓެމްބަރ 19) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީއާއި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އާ ދެމެދު ގާތްގުޅުންތަކެއް އޮތްކަމުގެ އިތުރު ހެކިތައް ފެންނަމުންދާ ކަމަށް ލަންޑަންގައި ނުކުންނަ "ދި އިންޑިޕެންޑެންޓް" ނޫހުން ބުނެފިއެވެ.

ޓްރިޕޮލީގައިވާ ލީބިޔާގެ އޮފީހަކުން މިދިޔަ ހަފްތާގައި ފެނުނު ލިޔުންތަކަކާ ޙަވާލާދީ މިނޫސް ބުނިގޮތުގައި ބްލެއަރވަނީ ލޮކަރބީގެ ޙާދިޘާގައި ސްކޮޓްލޭންޑްގައި ހައްޔަރުކޮށްފައިވާ ލީބިޔާގެ ޢަބްދުލްބާސިތް އަލްމިޤްރަޙީ މިނިވަން ކުރުމަށް ގައްޒާފީ ކުރެއްވި މަސައްކަތްޕުޅުގެ ދަށުން ދެފަހަރެއްގެ މަތިން ސިއްރިޔާތުގައި ލީބިޔާއަށް ވަޑައިގެން ގައްޒާފީއާ ބައްދަލުކުރައްވާފައެވެ.

ބްލެއަރ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށްފަހުވެސް އެއްކޮޅުން ބްލެއަރ އާއި އަނެއްކޮޅުން ލަންޑަންގައި ހުންނެވި ގައްޒާފީގެ ސަރުކާރުގެ ސަފީރާ އަދި އެދުވަސްވަރު ލީބިޔާގައި ހުންނެވި އިނގިރޭސި ސަފީރާ ދެމެދު ގިނަޢަދަދެއްގެ ސިޓީތަކާއި ލިޔެކިޔުންތައް ބަދަލުކުރެވިފައިވާކަން ޓްރިޕޮލީން ފެނުނު ލިޔުންތަކުން ހާމަވާކަމަށްވެސް "ދި އިންޑިޕެންޑެންޓް" ބުނެއެވެ.
ލީބިޔާގެ ޑިކްޓޭޓަރުކަމަށް ގައްޒާފީ ސިފަކުރެވޭއިރު ޓޯނީ ބްލެއަރ ސިފަކުރެވެނީ ޢިރާޤު ހަނގުރާމައިގެ މުޖްރިމެއްގެ ގޮތުގައެވެ. ގައްޒާފީއާ ބައްދަލުކުރެއްވުމަށް ބްލެއަރ ސިއްރިޔާތުގައި ލީބިޔާއަށް ވަޑައިގަންނަވަނީ ގައްޒާފީގެ ރިޔާސީ ޖެޓްގައި ކަމަށާއި މިދެބޭފުޅުން ބައްދަލުކުރައްވާއިރު ބްލެއަރ ގައްޒާފީއާ މުޚާތަބު ކުރައްވަނީ ލީޑަރުގެ ނަމުންކަމަށާއި ދެބޭފުޅުންގެ ދެމެދުގައި ބަދަލުކުރެވޭ ސިޓީތަކާއި އީ-މެއިލްތަކުގައިވެސް ގައްޒާފީއާ މުޚާތަބު ކުރެއްވުމުގައި ބްލެއަރ ބޭނުންކުރައްވާފައިވަނީ އެލަޤަބު ކަމަށް ލިޔެކިޔުންތަކުން ހާމަވެއެވެ.

ޓްރިޕޮލީން ފެނުނު ލިޔުންތަކަކާ ޙަވާލާދީ "ދި އިންޑިޕެންޑެންޓް" ބުނިގޮތުގައި ގައްޒާފީއާއި ބްލެއަރގެ ގުޅުންތައްއޮތީ ހަމައެކަނި ލޮކަރބީގެ ޙާދިޘާގައި ހައްޔަރުކޮށްފައިވާ ލީބިޔާގެ ޢަބްދުލްބާސިތް މިނިވަން ކުރުމާބެހޭގޮތުން އެކަންޏެއްނޫނެވެ. އެފްރިކާގެ މައްސަލަތަކާއި މެދުއުރުމަތީގެ މައްސަލަތަކާއި ލީބިޔާ އިޤްތިސާދީ ގޮތުން ހުޅަނގަށް ހުޅުވާލުމާބެހޭގޮތުންވެސް ދެބޭފުޅުން ވަރަށް ގިނައިން މަޝްވަރާ ކުރައްވާފައިވެއެވެ.

ޢިރާޤު ހަނގުރާމައިގެ އެއްމުޖްރިމް އަދި ޢިރާޤު ރައްޔިތުންގެ އެއްޤާތިލް ކަމަށްވާ ޓޯނީ ބްލެއަރ، މިފަހަކަށް އައިސް އެއްކުރައްވާފައިވާ ފައިސާއާއި ލީބިޔާގެ ކުރީގެ ޑިކްޓޭޓަރ ގައްޒާފީ އާ ގުޅުމެއްވެދާނެ ކަމާމެދުވެސް މިހާރު ސުވާލު އުފެދިފައިވާ ކަމަށް "ދި އިންޑިޕެންޑެންޓް" ބުނެއެވެ.

ގައްޒާފީއަކީ ލީބިޔާގެ ތެލާއި ޤުދްރަތީ ގޭހުގެ މުއްސަނދިކަން އޭނާ ހިތްޕުޅަށް އެރިގޮތަކަށް ބައްސަވާފައިވާ ބޭފުޅެއްކަންވެސް "ދި އިންޑިޕެންޑެންޓް" ހަނދާން ކޮށްދީފައިވެއެވެ. -- ދި އިންޑިޕެންޑެންޓް