އަންނަ ސެޕްޓެމްބަރު 23ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

އިލެކްޝަންސްގެ އިންތިހާބީ މަރުކަޒު ހުންނަ ބާ ޖަމާލުއްދީންގެ ޓްރެއިނިން ހޯލްގައި އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ޒާހިދު އެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމްގައި 70 މީހުން ތަމްރީން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. އަދި ޓްރެއިނަރުންގެ މަސްއޫލިއްޔަތަކީ ވޯޓު ފޮށި ކައިރީގައި ތިބޭ އޮފިސަލުން ތަމްރީން ކުރުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސްގެ މާސްޓަރު ޓްރެއިނަރު އަބްދުﷲ ރާޒީ ވިދާޅުވީ ޓަރެއިނަރުންނަށް ދެވޭ ތަމްރީންތަކުގެ ތެރޭގައި އިލެކްޝަނާ ބެހޭ ގާނޫނާއި ގަވާއިދާ އަހްލުވެރިކުރުމާއި ވޯޓުލާ މަރުކަޒުތަކުގައި ހުންނަ ތަކެއްޗަށް އަހަލުވެރިކުރުވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ޓްރެއިނަރުން ތަމްރީން ކުރުމަށް މިއަދު ފެށި ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: އިލެކްޝަން

"އެ ދެ ކަންތަކުގެ އިތުރުން ދެން ކުރިއަށް ދާނީ ވޯޓު ނަގާ ދުވަހު ވޯޓް ނަގާ މަރުކަޒުގެ ދިމާވެދާނެ އެކި އެކި ހަލާތްތަކަށް ރިޔާއަށް ކޮށްގެން ފުލް ޕްރެކްޓިކަލް ދަސްކުރުމުގެ ގޮތުން ކުރިއަށް ގެންދާނީ،" ރާޒީ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ޓްރެއިނަރުންގެ ގޮތުގައި ނަގާފައިވާ 70 ފަރާތްތަކަކީ މިހާރު އިލެކްޝަންސްގެ މުވައްޒަފުން ކަމަށާއި އެ ފަރާތްތަކުން އެއްވެސް ކަހަލަ ސިޔާސީ ކަމެއްގައި ހަރަކާތްތެރިވެގެން ނުވާނެ ކަމަށެވެ.

".ތިޔަ ބޭފުޅުންގެ ގައިގައި އެއްވެސް ކަހަލަ ސިޔާސީ ކުލައެއް ޖެހިފައި ހުރުމަކީ އަޅުގަނޑުމެން ގަބޫލު ކުރާނެ ކަމެއް ނޫން. އިންތިހާބުގެ މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ފާޅުކަންމަތީ އޭނާގެ ފިކުރު އާންމުކޮށް ހާމަ ނުކުރައްވާ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސްގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން އެ މީހުންގެ ސިޔާސީ ފިކުރު ހާމަކުރަން ޖެހޭނީ ވޯޓު ކަރުދާހުގައި ކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އެއްވެސް އޮފިޝަލެއް ވެސް އޭނާގެ ސިޔާސީ ފިކުރު ހާމަކޮށްގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.