ވަރުގަދަ ކާސްޓަކާއެކު ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު މި ވަނީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު، އަދި އޭނާގެ ފުރަތަމަ އެޕިކް "ތަޚްތު" އިއުލާނުކޮށްފައެވެ.

މުގަލް ޒަމާނުގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ލީޑު ކާސްޓުގެ ތެރޭގައި ހިމެނެނީ ރަންވީރު ސިންގ، ކަރީނާ ކަޕޫރު ޚާން، އާލިއާ ބަޓް، ވިކީ ކޯޝަލް، ބޫމީ ޕެދްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ އެއީ ދެބެންގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ.

"ފިލްމަކީ މުގަލް ޒަމާނުގެ ކަބީ ޚުޝީ ކަބީ ޣަމް އޭ ވެސް ބުނެވިދާނެ. އެކަމަކު ފިލްމުގައި ހުރިހާ ރަހައެއް ވެސް އެކުލެވިގެންވާނެ. މާ ބޮޑަށް ވެސް މުއްސަނދި ވާނެ. ޚިޔާނާތާއި، ސިޔާސީ ކޯޅުން ފަދަ ހުރިހާ ކަމެއް ހިމެނޭނެ،" ފިލްމާ ގުޅޭގޮތުން ކަރަން ބުންޏެވެ.

މިއީ ކަރަން މީގެ ކުރިން ދުވަހަކު ވެސް ޑައިރެކްޓު ކޮށްފައިވާ ޖޯންރާއެއް ނޫނެވެ. އެހެންކަމުން ޕްރޮޖެކްޓު އިއުލާނުކުރުމާއެކު ގިނަ ބަޔަކަށް ސިހުން ލިބިގެން ދިޔައެވެ.

ކަރަން މަޝްހޫރުކަން ހޯދީ ވެސް ފެމިލީ ޑްރާމާތަކުންނެވެ. ކަރަންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ކަބީ ޚުޝީ ކަބީ ޣަމް"، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ އަލްވިދާ ނާ ކެހެނާ"، "މައި ނޭމް އިޒް ޚާން" އަދި "އޭ ދިލް ހޭ މުޝްކިލް" ފަދަ ފިލްމުތަކެވެ.

ކަރަން ބުނީ "ތަޚްތު"އަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު ކަމަށާއި ވަރަށް ބޮޑަށް ބިރުން ހުރި ކަމަށެވެ. ފިލްމުގެ ކާސްޓާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ ކާސްޓަކީ ތަފާތު އެކި ހުނަރުވެރިންގެ މަސްހުނިގަނޑެއް ކަމަށެވެ.

އަދި ފިލްމުގައި ކޮންމެ އެކްޓަރެއް ވެސް އަދާކުރާނީ މުޅިން ތަފާތު ރޯލެއް ނަމަވެސް، އެ ރޯލުތަކަށް އެ އެކްޓަރުން ފެތޭ ކަމަށް ކަރަން ބުންޏެވެ.

ރަންވީރު ލީޑު ރޯލުން ފެނިގެންދާނެ ކަން ޔަގީންވެފައި ވާއިރު، ރަންވީރު ލީޑު ރޯލަށް ހަމަޖައްސައިގެން އެޕިކްއެއްގެ މަސައްކަތް ކުރާތީ، ކަރަން ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ކޮޕީ ކުރަނީ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކަރަން ބުނީ އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި، ނަމަވެސް "ތަޚްތު" އަކީ މުޅިން ތަފާތު ފިލްމެއް ކަމަށެވެ.