19 Sep 2011, 10:24
ސެވިލް (ސެޕްޓެމްބަރ 19) : ޕާކިސްތާނާއި އެމެރިކާގެ ސިފައިންގެ ލަޝްކަރުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި އެ ދެޤައުމުގެ ސިފައިންގެ ޗީފް އޮފް ސްޓާފުން ބައްދަލުކުރައްވައިފިއެވެ.
ޕާކިސްތާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އަޝްފާޤް ކިޔާނީ އާއި އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް އެޑްމިރަލް މައިކް މުލެން، ސްޕޭންގެ ސެވިލްގައި އިއްޔެ ބައްދަލުކުރައްވައި ދެގަޑިއިރު މަޝްވަރާކުރެއްވީ އުސާމާ ބިންލާދިން އަވަހާރަކޮށްލުމަށް ކަމަށްބުނެ މިދިޔަ މޭމަހު ޕާކިސްތާނުގެ ހުއްދައަކާނުލާ ޕާކިސްތާނުގެ ބިމުގައި އެމެރިކާ ހިންގި އޮޕަރޭޝަނާ ގުޅިގެން ދެޤައުމުގެ ސިފައިންގެ މެދުގައި އުފެދުނު މައްސަލަތައް ޙައްލު ކުރުމާބެހޭގޮތުންނެވެ.
ޕާކިސްތާނުގައި ހިންގި އޮޕަރޭޝަންގައި އުސާމާބިންލާދިން އަވަހާރަކޮށްލެވުނު ކަމަށް އެމެރިކާ ބުނެއެވެ. މިމައްސަލާގައި ދެޤައުމުގެ ސިފައިންގެ މެދުގައި އުފެދުނު ނުތަނަވަސްކަން އިތުރަށް ގޯސްވީ ޕާކިސްތާނަށް އެމެރިކާ ދެމުންގެންދިޔަ 2.7 ބިލިޔަން ޑޮލަރުގެ އެހީ ހުއްޓާލުމާ ގުޅިގެންނެވެ. އެމެރިކާގެ މިފިޔަވަޅުގެ ރައްދުގައި ޕާކިސްތާނުންވަނީ އެޤައުމުގައި ޙަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ޖާސޫސީ އޮފިޝަލުންނާއި ޢަސްކަރީ މުދައްރިބުންގެ 200 މީހަކު ޕާކިސްތާނުން ބޭރުކޮށްލާފައެވެ.
އަނެއްކޮޅުން އެމެރިކާވަނީ އަފްޣާނިސްތާނުގައި އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރާ ހައްޤާނީ ނެޓްވާރކާ ޕާކިސްތާނުގެ ސިފައިންނާ ދެމެދު ގުޅުންތައް އޮންނަ ކަމަށް ތުހުމަތު ކޮށްފައެވެ. ޖެނެރަލް ކިޔާނީ އާއި އެޑްމިރަލް މުލެން މަޝްވަރާ ކުރެއްވީ މިމައްސަލަތައް ޙައްލުކޮށް އެމެރިކާއާއި ޕާކިސްތާނުގެ ގޯސްވެފައިވާ ޢަސްކަރީ ގުޅުންތައް ކުރީގެ ޙާލަތަށް އެނބުރި ގެންދިޔުމާބެހޭގޮތުން ކަމަށް އެމެރިކާގެ ޢަސްކަރީ ތަރްޖަމާނަކު ވިދާޅުވިއެވެ. -- އަލްޖަޒީރާ