10 Aug 2018, 20:12
ބާސެލޯނާގެ ކެޕްޓަން ކަމަށް އެ ކްލަބުގެ ތަރި ލިއޮނަލް މެސީ ހަމަޖައްސައިފި އެވެ.
މެސީ ކެޕްޓަން ކަމަށް ހަމަޖައްސާފައި މިވަނީ، ބާސާގެ ލެޖެންޑް އަންޑްރޭސް އިނިއެސްޓާ އެ ކްލަބު ދޫކޮށް ޖަޕާނު ލީގުގެ ވިސެލް ކޯބޭއަށް ދިއުމުން، ޓީމުގެ ކެޕްޓަން ކަމުގެ މަގާމް ހުސްވެފައި ވަނިކޮށެވެ.
މެސީ ކެޕްޓަން ކަމަށް ހަމަޖައްސާފައިވާ އިރު ވައިސް-ކެޕްޓަން ކަމަށް ހަމަޖައްސާފައި ވަނީ ސާޖިއޯ ބުސްކެޓްސް އެވެ. އެ ދެ ކުޅުންތެރިން ނެތް ހާލަތުގައި ކެޕްޓަން ކުރާނީ ޖެރާޑް ޕީކޭ ނުވަތަ ސާޖި ރޮބާޓޯ އެވެ.
މެސީ، ބުސްކެޓްސް، ޕީކޭ އަދި ސާޖި ރޮބާޓޯ އަކީ ވެސް ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑެމީއިން ގްރެޖުއޭޓްވި ކުޅުންތެރިންނެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ލިއޮނަލް މެސީ އަކީ އުމުރުން 13 އަހަރުން ފަށައިގެން ބާސެލޯނާއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ އަކީ އެ ކްލަބުގެ ރެކޯޑު ގޯލް ސްކޯރާވެސްމެއެވެ.
މެސީގެ ކެޕްޓަން ކަމުގެ ދަށުން މި ސީޒަނުގައި ބާސެލޯނާ ލަލީގާގައި ކުޅޭ އެންމެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ އަލަވޭސްއާ ދެކޮޅަށެވެ.