ޗައިނާގެ ހުޅަނގު އުތުރުގައި ހުންނަ ވެއިޒޫ ކިޔާ ރަށެއްގެ މީހުން ނަމާދު ކުރަން ބޭނުންކުރާ މިސްކިތެއް ތަޅާލަން އުޅޭތީ އެ ސަރަހައްދުގެ މުސްލިމުން މުޒާހަރާ ކުރަން ފަށައިފި އެވެ.

ޗައިނާ ސަރުކާރުން ނިންމާފައި ވަނީ ވެއިޒޫގައި ހުންނަ "ގްރޭންޑް މޮސްކް" ތަޅާލުމަށެވެ. މިދިޔަ އަހަރު އެޅި އެ މިސްކިތް ތަޅާލަން ނިންމާފައި ވަނީ، އެ މިސްކިތް އަޅަން ނިން ޖާގައަށް ވުރެ ބޮޑުކޮށް ހަދާފައިވާ ކަމަށް ބުނެއެވެ.

ބުރާސްފަތި ދުވަހު، އެތައް ހާސް މުސްލިމުން ވަނީ 30،000 މުސްލިމުން ބޭނުން ކުރާ އެ މިސްކިތް ކުރިމައްޗަށް އެއްވެ މިސްކިތް ތަޅާލުމާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. އެ މިސްކިތަކީ ޗައިނާގެ މުސްލިމުންތަކެއް އިސްނަގައިގެން އެޅި މިސްތެކެވެ.

ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް ޗައިނާގައި މުސްލިމުން އެއްޗުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ.

ޗައިނާ ސަރުކާރު ހިންގަނީ އެގައުމުގެ ކޮމިއުނިސްޓު ޕާޓީއިންނެވެ. އެގައުމުގައި އެކި ދީންތަކަށް އަޅުކަން ކުރުމަށް ހުރަސްތައް ކުރިމަތި ކުރާ ކަމުގެ ތުހުމަތު ކުރިން ވެސް އެތީސްޓް ޕާޓީއެއް ކަމަށްވާ ކޮމިއުނިސްޓު ޕާޓީގެ މައްޗަށް ވަނީ ކުރެވިފައެވެ.

ޗައިނާ ސަރުކާރުން މީގެ ކުރިން ވަނީ އެގައުމުގެ އެކި ސަރަހައްދުތަކުގެ މިސްކިތްތަކުގައި ހުންނަ ހަނދުފަޅުތައް ވެސް ނަގަން އަމުރުކޮށްފައެވެ. އަދި އެގައުމުގައި ހިންގާ ޗާޗްތައް ހުއްޓުވުމުގެ އިތުރުން ޓިބެޓުގެ ކުދިން ފައްޅިތަކުން ނެރެ ސްކޫލުތަކަށް ފޮނުވަން މަސައްކަތް ކޮށްފައިވެ އެވެ.