19 Sep 2011, 10:14
ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނެގުމަށް އެންމެ ދެތިން ހަފްތާއަށް ވަގުތު ކުޑަތަން ވެއްޖެ އެވެ. އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ސުންގަޑި ސުންމިނެޓުން ފެށިގެން ވިކުރާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ލިބޭ ކޮންމެ ވިޔަފާރިއަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީ ދައްކަން ޖެހޭނެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދުވާލަކަށް 2730ރ. ވަންނަ ކޮންމެ ވިޔަފާރިއަކުން ވިއްކާ ތަކެއްޗާއި ދޭހިތުމަތުން 3.5 ޕަސެންޓްގެ ޖީއެސްޓީއެއް ކަސްޓަމަރުންގެ އަތުން ނަގާ މީރާއަށް ދައްކަން ޖެހޭނެ އެވެ. މި މަފްހޫމް ފަހުމް ވެފައި ހުރީ ކިތައް ވިޔަފާރިވެރިންނަށް ތޯ މިއީ އުފެދޭ ސުވާލެކެވެ. ޖީއެސްޓީ ނުދަންނަ ކަމަށް ބުނެ ބަހަނާ ދައްކާނެ ފުރުސަތެއް ވެސް މިހާރަކު ނެތެވެ.
ވިޔަފާރިވެރިންނަށް ޖީއެސްޓީ އެނގެނީ ކިހާވަރަކަށްތޯ ބަލަން ދެތިން ވިޔަފާރިވެރިޔަކާ ސުވާލުކޮށްލީމެވެ. "ކޮއްކޯ ތިބުނާ އެއްޗެއް މިތަނުން ދައްކާކަށް ނުޖެހޭނެ. ތިކަމެއް ނުވާނެ،" ކަންމަތި ފިހާރައެއްގެ ވެރިޔަކު ބުންޏެވެ. "އަހަންނެއް ރެޖިސްޓްރީއެއް ވެސް ނުކުރަން. އެހެންވީމާ ތިޔަ ދައްކާކަށް ނުޖެހޭނެ،"
އާންމު ވިޔަފާރިވެރިންނަށް ޖީއެސްޓީ ވިސްނިފައި ހުރީ އެހެންނެވެ. ޖީއެސްޓީގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޖީއެސްޓީގެ މާސް ކެމްޕޭނެއް ވަނީ ފަށައިފަ އެވެ. އެ ކެމްޕޭން ފެށުމުގެ މާކުރިން ވެސް މީރާ އިން ވަނީ ޖީއެސްޓީ އަށް ތައްޔާރުކުރުމަށް ލިބުނު ފުރުސަތު ކުޑަކަމަށް ބުނެފަ އެވެ. ގިނަ ވިޔަފާރިވެރިންނަށް ޖީއެސްޓީ ނޭނގުން އޭގެ ހެއްކަކަށް ފުދެ އެވެ.
ޖީއެސްޓީ އެންމެ ބޮޑަށް އޮޅުން އަރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ނޫނީ ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމަކީ އެކައްޗެއް ކަމަށް ބައެއް މީހުންނަށް ހިވާ ހިސާބުންނެވެ. އެއީ ޓެކްސްއަށް އައު ކަމުން ނޫނީ ބޭރުފުށުން އެ ދެ ބާވަތުގެ ޓެކްސްގައި ވެސް އެއްވައްތަރެއްގެ ސިފަތަކެއް ހުރީމާ ކަމަށް ވެދާނެ އެވެ.
ޖީއެސްޓީ އަކީ ސީދާ ކަސްޓަމަރުންގެ އަތުން ނަގާ ޓެކުހެކެވެ. އެއާ ހިލާފަށް ވިޔަފާރި ފައިދާގެ ޓެކްސް އަކީ ލިބޭ ފައިދާ އިން ސީދާ ވިޔަފާރިތަކުން ސަރުކާރަށް ދައްކާ ޓެކުހެކެވެ. ޖީއެސްޓީގައި ވިޔަފާރިތަކުން އަދާކުރާ ރޯލަކީ މީރާ އާއި ކަސްޓަމަރާ ދެމެދު މެދުވެރިއެއްގެ ރޯލެވެ.
މީގެ ކުރިން ފޮތެއްގައި ޖަހައިގެން ނޫނީ ހިތު ހިސާބުން ވިޔަފާރި ކުރާ ގޮތާ ބީރައްޓެހި، ޓެކްނިކަލް މާއްދާތަކެއް ޖީއެސްޓީގެ ގާނޫނުގައި ހިމަނާފައިވެ އެވެ. ޖީއެސްޓީ ނުނަގާ ދެ ބާވަތްތަކެއްގެ ތަކެތި އެ ގާނޫނުގައި ހިމަނާފައިވެ އެވެ. އެއީ ސުން ރޭޓް ޖީއެސްޓީ އާއި ޖީއެސްޓީ ނެގުން އިސްތިސްނާވާ ތަކެއްޗެވެ.
މިހާހިސާބުން އުފެދޭނެ ސުވާލަކީ ސުން ރޭޓާއި އިސްތިސްނާގައި ހުރީ ކޮން ތަފާތެއް ކަމާ މެދު އުފެދޭ ސުވާލެވެ. އިސްތިނާގައި ހިމެނެނީ ރަޖިސްޓްރީކޮށްގެން ހިންގާ ފެނާއި، ނަރުދަމާ އާއި ކަރަންޓާއި ސިއްހީ އަދި ތައުލީމީ ހިދުމަތުގެ އިތުރުން މުއާސަލާތީ ހިދުމަތް ދޭ ތަންތަނެވެ. އެފަދަ ތަންތަން މީރާގައި ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ އެވެ.
ސުން ރޭޓް ޖީއެސްޓީގައި ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރާ އެއްވެސް މުދަލެއް ނުހިމެނެ އެވެ. އަދި ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތެރެއިން ވެސް 17 އައިޓަމެއް ވަނީ ސުން ރޭޓް ގޮތުގައި ކަނޑަ އަޅައި އެ ގާނޫނުގެ ޖަދުވަލް އެކެއްގައި ހިމަނާފަ އެވެ.
އެ ބާވަތްތަކަކީ ހަނޑޫ، ހަކުރު، ފުށް، ލޮނު، ކިރު، ކުކިން އޮއިލް، ބިހާއި ސައިފަތް، ކަނޑުމަހާއި ފަރުމަސް، ރިހާކުރު، އަލުވި، ފިޔާ، ފޮނިތޮށި، ކާފޫރުތޮޅި، މިރުސް، ދިޔާ ހަކުރު، ކާށި، ކުރުނބާ، ރުކުރާ އަދި ކުރޮޅި އެވެ. މީގެ އިތުރުން މޭވާ އާއި ތަރުކާރީ ބައެއް ބައިތައް ހިމެނެ އެވެ. އާންމު ދިރިއުޅުމުގައި ގެންގުޅޭ ބާވަތްތަކުގެ ތެރެއިން ޕާން، ބަނަސް، ފާރޮށި، ކުޑަކުދިންގެ ނެޕީ، ބޮޑެތި މީހުންގެ ނެޕީ، ތުއްތު ކުދިންގެ ކާނާ، ކައްކާ ގޭސް، ޑީސަލް އަދި ޕެޓްރޯލަކީ ވެސް ސުން ރޭޓް ޖީއެސްޓީގައި ހިމެނޭ ތަކެއްޗެވެ. އެތަކެތިން ޖީއެސްޓީ ދައްކަން ނުޖެހުނު ނަމަވެސް އެ ތަކެތި ވިއްކާ ވިޔަފާރިތަކުން ވެސް ގާނޫނުގައި ބުނާ އަދަދަށް ވިކުރާ އަށް ފެތޭ ނަމަ މީރާގައި ރަޖިސްޓްރީ ކުރަން ޖެހެ އެވެ. މީގެ ބޭރުން ވެސް ހިނގަމުންދާ ވިޔަފާރިއެއްގެ މިލްކުވެރިކަން ވިއްކާލަން ކުރެވޭ މުއާމަލާތަކުން ވެސް ޖީއެސްޓީއެއް ނުނަގާނެ އެވެ.
ޖީއެސްޓީ ނުނަގާ ބާވަތްތަކުގެ ލިސްޓް ދިގުވެ ދާއިރާ ތަނަވަސް ވުމުން ހިސާބަކަށް ސަރަހައަށް ދާން ޖެހޭ ކަންތައްތައްތަކެއް އެބަހުއްޓެވެ. މިސާލަކަށް، މުއާސަލާތީ ހިދުމަތްތަކުން ޖީއެސްޓީއެއް ނުނަގަ އެވެ. އެހެން ކަމަށް ވާ ނަމަ އާންމު ފިހަރާތަކުން ވިއްކާ ޕްރިޕެއިންޑް ކާޑާއި ރިލޯޑް ފަދަ ތަކެތިން ޖީއެސްޓީ ނެގިދާނެތޯ އެވެ. ނޫނީ ސުން ރޭޓް ޖީއެސްޓީގެ ބާވަތްތައް ބޭނުންކޮށްގެންހަދާ އެހެނިހެން ތަކެތިން ޖީއެސްޓީ ނެގިދާނެ ބާ އެވެ.
އެ ސުވާލު މިރާއަށް ކުރިމަތި ކުރުމުން އެ އޮތޯރިޓީގެ ޑިރެކްޓާ ފާތިމަތު ރަޝީދާ ވިދާޅުވީ އެ އޮޅުންތައް ފިލާނީ ޖީއެސްޓީގެ ގަވާއިދު އާންމު ވެގެން އައުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ގަވާއިދުގައި ސިއްހީ ހިދުމަތްތަކުން ޖީއެސްޓީ ނެގޭނެ ގޮތްތަކާއި ސުން ރޭޓް ޖީއެސްޓީން އުފައްދާ އުފެއްދުންތަކުން ޖީއެސްޓީ ނެގޭނެ ގޮތްތައް ތަފްސީލް ވެގެން ދާނެ ކަމަށެވެ.
"އެ ގަވާއިދު އަޅުގަނޑުމެން ]އާންމުންގެ[ ހިޔާލަށް ހުޅުވާލާނަން ވަރަށް އަވަހަށް. ޖީއެސްޓީ ނަގަން ވާއިރަށް އެ ގަވާއިދު އަންނާނެ،" ރަޝީދާ ވިދާޅުވި އެވެ.
ވަގުތު ކުޑަތަންވެފައިވާ އިރު ތަފްސީލް ވާން ޖެހޭ ކަންތައްތައް ބައިވަރެވެ. ވިޔަފާރި ވެރިން ވާންޖެހޭ ތައްޔާރިތައް ވެސް ގިނަ އެވެ. ޖީއެސްޓީ އަށް ޗާޖް ކުރެވޭ ވަރު ކަސްޓަމަރަށް ކަރުދާހުން ފެންނަން ޖެހެ އެވެ. އެކަމަށް އެންމެ ފަސޭހަގޮތަކީ ޕޮއިންޓް އޮފް ސޭލް ނިޒާމް ގާއިމްކުރުމެވެ. ނޫނީ ރަސީދު މެނުއަލީ ތައްޔާރުކުރުމެވެ. ކޮންމެ ގޮތަކަށް ވިޔަސް އަންނަ މަހުގެ ދެވަނަ ދުވަހުގެ ސުން ގަޑި ސުންމިނެޓުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު ނުވަތަ ތިން މަހުން އެއް މަހު ޖީއެސްޓީ ދައްކަން ޖެހޭނެ އެވެ. މި އަހަރުގެ ނިޔަލަށް އާންމު ޖީއެސްޓީގެ ގޮތުގައި ނަގާނީ 3.5 ޕަސެންޓެވެ. އަންނަ އަހަރުން ފެށިގެން އެ އަދަދު ހަ ޕަސެންޓަށް ބޮޑުވާނެ އެވެ.