10 Aug 2018, 19:23
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާކަމަށް ބުނެ ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން އެ ފައިސާ ދެއްކުމަށް 'އަބުރުފުޅު ފަންޑު' ގެ ނަމުގައި ފަންޑު ފޮއްޓެއް ހުޅުވައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައި ވަނީ މިދިޔަ މާރޗު، 16 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާއެއްގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ގައުމުގެ އަމަންއަމާންކަން ނަގާލައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާތީ ކަމަށެވެ.
ރާއްޖެ ޓީވީ ކުރިމަތީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފަންޑު ފޮށި ހުޅުއްވައި ދެއްވީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) އެވެ. އަދި އިބޫ ވަނީ އެ ފޮއްޓަށް 500 ރުފިޔާގެ ގިނަ ނޫޓުތަކެއް އަޅުއްވާފައެވެ.
އަބުރުފުޅު ފަންޑު ހުޅުއްވައިދެއްވުމަށްފަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަވްޝަން އިލްޔާސް
ފަންޑު ފޮށި ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވަނީ އެއްވެސް އުސޫލެއްގެ މަތިން ނޫން ކަމަށާއި އެ ޗެނަލަކީ ދެފުށް ފެންނަ ގޮތަށް ހަބަރުތައް ގެނެސްދޭ ޗެނަލެއް ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީގެ ކުރިން ހަތަރު ފަހަރަކު ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް ރާއްޖެ ޓީވީން ޖޫރިމަނާ ފައިސާ ދައްކާފައިވަނީ ފަންޑު ފޮށި ހުޅުވައިގެންނެވެ.